ބ. ކަމަދޫ ގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ކަމަދޫ ކައުންސިލްގެ ރައީސް އަޙްމަދު ސާޖިދު ވަނީ "ފެށުން" އަށް މިކަން ކަށަވަރު ކޮށްދެއްވާފަ އެވެ. ސާޖިދު ވިދާޅުވީ ހޯމް ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރުމަށްފަހު އެ ބޭފުޅާ ކޮވިޑަށް ޓެސްޓު ކުރުމުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަމަށް ރަށުގައި ހުންނަ އެޗްޕީއޭގެ ފޯކަލް ޕޮއިންޓް މަޢުލޫމާތު ދެއްވާފައި ވާކަމަށެވެ.
ސާޖިދު ވިދާޅުވީ ޕޮޒިޓިވް ވެފައިވަނީ ހޯމް ކަރަންޓީނުގައި މިވަގުތު ހަމައެކަނި ހުންނެވި ބޭފުޅާކަމަށެވެ. ޕޮޒިޓިވް ވެފައިވަނީ ފިރިހެނެއް ކަމަށްވެސް ސާޖިދު ވިދާޅުވިއެވެ. އަދި ޕޮޒިޓިވްވި ބޭފުޅާގެ ހާލުވެސް ރަނގަޅު ކަމަށް ސާޖިދު ވިދާޅުވިއެވެ.
މިއީ ކަމަދޫއިން ޕޮޒިޓިވް ވި ދެވަނަ މީހާއެވެ. އައްޑޫ އިންވެސް މިއަދު ވަނީ 14 ދުވަހުގެ ހޯމް ކަރަންޓީނު ނިންމާފައި ޓެސްޓުކުރި ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.
މިހާތަނަށް މުޅި ޖުމްލަ ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ އަދަދު 2،791 އަރައިފައިވާއިރު އަލަށް މިއަދު މިބަލިން ރަނގަޅުވެފައިވަނީ 37 މީހުންނެވެ. މުޅި ޖުމްލަ މިހާތަނަށް 87،632 ދެ ސާމްޕަލް ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ނަގައިފައިވާއިރު އެކްޓިވް ކޭސަސްގެ އަދަދަކީ 2،088 އެވެ.
މިހާތަނަށް ކޮވިޑް-19 ޖެހިގެން 19 މީހަކު ރާއްޖެއިން ނިޔާވެފައިވާއިރު މިވަގުތު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން މިބައްޔަށް ފަރުވާކުރަމުންދާ މީހުންގެ އަދަދަކީ 144 އެވެ.




