ކަމަދުއަށް ސީޕްލޭން އޮޕަރޭޓުކުރުމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

މާޅޮސްމަޑުލު ދެކުނުބުރި ކަމަދޫއަށް ސީޕްލޭން އޮޕަރޭޓުކުރުމާއި ގުޅޭ އެއްބަސްވުމެއްގައި ޤައުމީ އެއަރލައިން މޯލްޑިވިއަންއާއި ހޯކްސް ހޮޓެލްސްއާ ދެމެދު މިއަދު ސޮއިކުރެވިއްޖެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރަށަށް ކުރެއްވި ދަތުރުފުޅެއްގައި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

މި އެއްބަސްވުމުގައި މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސްއެވެ. އަދި ހޯކްސް ހޮޓެލްސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ ޙުސެއިން އަމަންއެވެ.

އެއްބަސްވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ސީޕްލޭންގެ ޚިދުމަތް ފެށިގެންދިއުމުން އެރަށުގެ އިޤްތިޞާދަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށެވެ. "ސީޕްލޭންގެ ޚިދުމަތް ފެށިގެންދިއުމަކީ ލޯކަލް ޓޫރިޒަމް މިހާބޮޑަށް ތަރައްޤީވެފައިވާ އަދި ވަރަށް ބޮޑަށް ތަރައްޤީކުރުމުގެ މަސައްކަތް ވަރަށް ބޮޑަށް ކުރިއަށްދާ ރަށަކަށް ވަރަށް ބޮޑު އިޤްތިޞާދީ ފައިދާއެއް ކުރާނެ ކަމެއް،" ރައީސް ވިދާޅުވިއެވެ.

ކަމަދޫއަކީ ގުދުރަތީ ރީތިކަމާއި ފެހިކަންގަދަ ގަސްތަކާއި، ހިތްހެޔޮ ރައްޔިތުންގެ ސަބަބުން ފަތުރުވެރިންގެ މެދުގައި މަޤުބޫލު މަންޒިލެކެވެ. މިހާރުވެސް ގިނަ ގެސްޓްހައުސްތަކެއް އެރަށުގައި އޮޕަރޭޓްކުރަމުންދާއިރު، ދަރަވަންދޫއަށްފަހު އެންމެ ގިނަ އެނދު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ނެރެދީފައިވަނީ ކަމަދޫއިންނެވެ.

މީގެއިތުރުން، ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި ކަމަދޫގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ވަނީ ފައްޓަވައިދެއްވާފައެވެ. އަދި ކަމަދޫ ސްކޫލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް 5.4 މިލިއަން ރުފިޔާގެ އައު އިމާރާތެއް އެޅުމުގެ އެއްބަސްވުމުގައިވެސް ވަނީ ސޮއިކުރެވިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ