އައްޑޫސިޓީ އަދި ފުވައްމުލައްސިޓީ އާއި ދެމެދު ކުރަމުންދިޔަ ދަތުރުތައް މެދުކަނޑާލައިފިއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އައްޑޫ ސިޓީގެ ހިތަދޫ ލޮކްޑައުން ކުރުމާއި ގުޅިގެން ފުވައްމުލަކު ސިޓީ ކައުންސިލްގެ އެންގުމުގެ މަތިން މާދަމާ (2020/08/10) އިން ފެށިގެން އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ އާއި ދެމެދު ކުރަމުންދާ ދަތުރުތައް މެދުކަނޑާލެވިފައި ވާ ވާހަކަ ހިތާމަޔާއެކު ދަންނަވާ ކަމަށެވެ.
އަދި، މާދަމައިން ފެށިގެން ދަތުރު ކުރުމަށް ޓިކެޓް ނަގާފައިވާ ފަރާތްތަކައް އަލުން ދަތުރުތަށް ފެށުމުން އެޓިކެޓް ތަކަށް ދަތުރު ކުރެވޭނެ ކަމަށާއި ރީފަންޑް ބޭނުންވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލްތަކުގެ ތެރެއިން ދަތުރުތަށް ފެށި އޮފީސް ހުޅުވުމުން، ފޯމް ދޫކޮށް ބަލައިގަންނާގެ ވާހަކަ ދަންނަވާ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު އައްޑޫ ސިޓީގެ މޭޔަރ ޢަބްދުﷲ ސާދިޤްއަށް ފޮނުވާފައިވާ ލިޔުމުގައި ވިދާޅުވެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ޞިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި ސ. ހިތަދޫ މޮނިޓަރިންގ އަށް ލާފައިވާ ކަމަށެވެ.
މި ލިޔުމުގައި އިތުރަށް ވިދާޅުވެފައި ވަނީ ހިތަދޫ މޮނިޓަރ ކުރުމާއި ގުޅިގެން އެ ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަކި ގޮތެއް އަންގަންދެން އެރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަ ނެތި އެއްވެސް މީހަކު އެރަށަށް އެރުން މަނާކޮށްފައިވާކަމަށެވެ.
ހިތަދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ މިއަދު 11:00 ގައެވެ.
ހިތަދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު، ހިތަދޫގައި ހޯމްކަރަންޓީންގައި ހުރި ބިދޭސީއަކު މިއަދު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އެ ބިދޭސީ މީހާ ޕޮޒިޓިވް ކަން އެނގިފައިވަނީ ހޯމް ކަރަންޓީންގައި 14 ދުވަހު ހުރުމަށް ފަހު ޓެސްޓް ހެދުމުންނެވެ. ހިތަދޫ އިން ބިދޭސީ އަކު ޕޮޒިޓިވް ވެފައިވާއިރު، ފޭދޫ ގައިވެސް ހޯމް ކަރަންޓީންގައި ހުރި ދިވެއްސަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.
ރާއްޖޭގައި މިހާތަނަށް 4898 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އަދި މިބައްޔަށް މިހާރު 2088 މީހަކު ފަރުވާ ހޯދަމުން އަންނަ އިރު 19 މީހަކު ވަނީ ނިޔާވެފައެވެ.
މި ނުރައްކާތެރި ބައްޔަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް މަދުވަމުން އައި ނަމަވެސް މިހާރު އަނެއްކާ މިވަނީ މި ބައްޔަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު އިތުރުވާން ފަށާފައެވެ. މި ފަހަކަށް އައިސް މާލެ އިން އެކި ރަށްރަށަށް ގޮސް ކަރަންޓީން ގައި ތިބި ގިނަ ބަޔަކު ވަނީ ޕޮޒިޓިވް ވެފައެވެ. މި ބައްޔަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު އިތުރުވާން ފެށުމާއެކު އެޗްޕީއޭ އިން ވަނީ ފިޔަވަޅުތައް އިތުރުކޮށްފައެވެ.




