10 ކުޅުންތެރިން ކޮވިޑަށް ޕޮޒިޓިވްވެ، މެޗުފަށަން ކުޑަތަން ވެފައިވަނިކޮށް ކެންސަލްކޮށްފި

10 ކުޅުންތެރިން ކޮވިޑް-19 ޕޮޒިޓިވްވެ، މެޗުފަށަން ކުޑަތަން ވެފައިވަނިކޮށް ކެންސަލްކޮށްފިއެވެ.

ކަމްޕެއަނާޓޯ ބްރެޒިލިއޭރޯ ސެރީއާގައި ކުޅުމަށް ހަމަޖެހިފައިވާ މިމެޗުގައި ބައްދަލުކުރާ ގޮތަށް ހަމަޖެހިފައި އޮތީ ގޮއިއާސްއާއި ސައޯ ޕައޮލޯއެވެ. ބްރެޒިލްގެ މިލީގު ފައްޓާފައިވަނީ އިއްޔެއެވެ. އެގޮތުން ލީގު ފަސް މެޗު އިއްޔެ ކުޅެފައިވެއެވެ.

އިއްޔެ ކުޅުމަށް ހަމަޖެހިފައިވާ ގޮއިއާސްއާއި ސައޯ ޕައޮލޯ ބައްދަލުކުރާ މެޗު ފެށުމަށް ކުޑަތަން ވެފައިވަނިކޮށް، 10 ކުޅުންތެރިން ޕޮޒިޓިވްވެފައިވަނީ ގޮއިއާސް ޓީމުންނެވެ. އަދި އެ 10 ކުޅުންތެރިންގެ 8 ކުޅުންތެރިންނަނީ މެޗުގެ ފުރަތަމަ11 ގައި ހިމެނޭ ކުޅުންތެރިންނެވެ.

ޓެސްޓުތަކުގެ ނަތީޖާ ނުލިބޭއިރު، ކުޅުންތެރިން މެޗަށް ތައްޔާރުވުމަށް ފަރިތަކުރަން ދަނޑަން ނުކުމެފައިވަނީ މެޗު ކުރިއަށްދާނެކަމުގެ ޔަޤީންކަން ނެތިއެވެ. އެގޮތުން ގޮއިއާސްއިން ނެގި ޓެސްޓުތަކުގެ ނަތީޖާ ލިބިފައިވަނީ މެޗު ފަށަން 10 ވަރަކަށް މިނަޓަށްވެފައި ވަނިކޮށްކަމަށް ގޮއިއާސްގެ ރައީސް މާސެލޯ އަލްމެއިޑާވަނީ ހާމަކޮށްފައެވެ.

މިކޭސްތަކާއި ގުޅިގެން ދެ ޓީމުންވެސް މިމެޗު ކެންސަލްކުރަން އެއްބަސްވެފައިވާއިރު، ދެޓީމުންވެސް ބުނެފައިވަނީ އެންމެ އިސްކަމެއްދެނީ މުޖުތަމަޢުގެ ސިއްޙާތާއި ރައްކާތެރިކަމަށްކަމަށެވެ.

ބްރެޒިލްއަކީ ކޮވިޑް-19 ދެވަނައަށް އެންމެ ގިނައިން ފެނިފައިވާ ގައުމެވެ. ބްރެޒިލްއިން 3 މިލިއަނަށްވުރެ ގިނަ މީހުން މިވައިރަހަށް ޕޮޒިޓިވްވެފައިވާއިރު، އެއްލައްކައަށްވުރެ ގިނަ މީހުން މިވައިރަހުގައި އެޤައުމުން މަރުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ