ރައްޔިތުން މަޖިލީހުގެ ކަންކަމަށް ނުވަނުމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއަށް ފަސް ޑޮކްޓަރަކު ހާޒިރުވެ ހެލްތު މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ގޮތުން ކަންބޮޑުވުންތަކެއް ފާޅުކުރެއްވުމުން އެ ކަމާ ގުޅޭ ގޮތުން މިނިސްޓްރީން ނޫސް ބަޔާނެއް ނެރެފައި ވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ ހެލްތު މިނިސްޓްރީއަށާއި އެ މިނިސްޓްރީގެ މުވައްޒަފުންނަށާއި ހެލްތް މިނިސްޓަރ، ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމު ގަނޑުބަނޑު ނުކޮށްލުމަށާއި މަޖިލީހުން ކުރާ ކަންކަމަށް އެ ބާވަތުގެ ނޫސް ބަޔާން ނެރުއްވާއި ބެހި ވަޑައިނުގަތުމަށް ވަރަށް އިހުލާސްތެރިކަމާ އެކު ދަންނަވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ހެލްތު މިނިސްޓްރީން ބަޔާންތައް ނުނެރުމަށާއި އެ އިންތިޒާމުގެ ތެރެއަށް ނުވަނުމަށް އެދެވަޑައިގަންނަވާ ކަމަށް އެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއަށް ފަސް ޑޮކްޓަރަކު ހާޒިރުވެ ހެލްތު މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ގޮތުން ކަންބޮޑުވުންތަކެއް ފާޅުކުރެއްވުމުން އެ ކަމާ ގުޅޭ ގޮތުން މިނިސްޓްރީން ނޫސް ބަޔާނެއް ނެރެފައި ވަނިކޮށެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، ހެލްތު މިނިސްޓްރީން ނެރުނު ބަޔާނުގައި މަޖިލީސް ހިންގަންވާ ގޮތާ ގުޅޭ ކަންކަމާ ގުޅޭ އިބާރާތުން ވާހަކަތަކެއްވާ ކަމަށެވެ. އެއީ ރާއްޖޭގެ ގާނޫނީ ނިޒާމު ގަޑުބަޑުކޮށްލުން ކަމަށް ސިފަ ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އެފަދަ ބަޔާންތައް ނުނެރުމަށް އެދި ވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑު އެ މިނިސްޓްރީއަށާއި އެ މިނިސްޓްރީގެ މުވައްޒަފުންނަށާއި މިނިސްޓަރަށް [އަބްދުﷲ އަމީން] އަށް ވަރަށް އިހުލާސްތެރިކަމާ އެކު ދަންނަވަން ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމު ގަނޑުބަނޑު ނުކޮށްލުމަށާއި މަޖިލީހުން ކުރާ ކަންކަމަށް އެ ބާވަތުގެ ނޫސް ބަޔާން ނެރުއްވާއި ބެހި ވަޑައިނުގަތުމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ހެލްތް މިނިސްޓްރީން ނެރެފައިވާ ނޫސް ބަޔާނުގައި މަޖިލީހުގެ މަސައްކަތްތަކާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. އެބަޔާނުގައި ބުނެފައިވަނީ މަޖިލީހުގެ ކޮމިޓީގައި ޑޮކްޓަރުންތަކެއް ދެއްކި ވާހަކަތަކަށް ރައްދުދީ ސިއްހީ ދާއިރާ ދަނީ އިތުރަށް ކުރިއަރަމުން ކަމަށާއި އަތޮޅުތަކުގެ ސިއްހީ ނިޒާމު ވެސް ހަރުދަނާ ކުރަމުން ދެވޭ ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހު އިޖްތިމާއީ ކޮމެޓީގެ ބައްދަލުވުމުގައި މެޑިކަލް ކައުންސިލްގެ ފަރާތުން ވާހަކަ ދައްކަވަމުން ހަފީޒާ އަލީ ވިދާލުވީ ރާއްޖޭގެ ޞިއްޙީ ނިޒާމް އޮތީ ބޮއްސުންލާފައި ކަމަށެވެ. އެގޮތުން ވާހަކަ ދައްކަމުން ވިދާޅުވެފައި ވަނީ ބަލިތަކަށް ފަރުވާ ކުރުމުގައި ޕްރެކްޓިސް ކުރާނެ ނޭޓަނަލް ގައިޑްލައިންއަށް އެއްވެސް ވަރަކަށް މިހާރު އަމަލު ނުކުރާކަމަށާއި، ގައިޑް ލައިން އެއް ނެތުމުން ހޮސްޕިޓަލްތަކުގައި ބޭސްކުރުމުގައި ކުރަނީ އެކި ގޮތްގޮތައް ކަމަށެވެ.
” އަޅުގަނޑަށް ފެންނަ ގޮތަކަށް އަޅުގަނޑު ކަންތައް ކުރަންވީ އެހެން މީހަކަށް ފެންނަ ގޮތަކަށް އެހެން މީހަކު ކުރަންވީ. އެކަހަލަ ގޮތަކަށް ކަންތައްތައް މިހުރީ” ހަފީޒާ ވިދާޅުވިއެވެ.
އަދި މިވަގުތު ބައެއް މުހިންމު މަގާމުތައް ހުސްކޮށް ހުރި ކަމަށާއި އެގޮތުން ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސާވިސް، ޑިރެކްޓަރ ޖެނެރަލް އޮފް ފޫޑް އެންޑް ޑްރަގް އޮތޯރިޓީ، ޑިރެކްޓަރ ޖެނެރަލް އޮފް ނޭޝަނަލް ބްލަޑް ސާވިސް އަދި ކޮމިޝަނަރ އޮފް ކްއަލިޓީ އެޝުއަރެންސް ގެ މަގާމް ވިވަގުތު ހުރީ ހުސްކޮށް ކަމަށް ވިދާޅުވިއެވެ.
ހެލްތް މިނިސްޓްރީގެ އެގްޒެކިއުޓިވް ލެވެލް ބައްދަލުވުންތައް ނުބާއްވާތާ އެތައް ދުވަހެއް ވެއްޖެ ކަމަށާއި ހެލްތް މިނިސްޓްރީގެ ޕޮލިޓިކަލް ލީޑާސްގެ ބައްދަލުވުންތައް 2 މަހުން އެއް މަހު ވެސް ނުބޭއްވޭކަމަށް ހަފީޒާ ވިދާޅުވިއެވެ. އަދި ޕްރޮކިއުމެންޓްގަ ޓްރާންސްޕޭރެންސީ އެއް ނެތް ކަމަށާއި މަހަކު 1 ފަހަރުހެން ޓެންޑާ ބޯރްޑް ބަދަލު ކުރާ ކަމަށް ވިދާޅުވިއެވެ.
މުވައްޒަފުންނަށް އެކަށީގެންވާ މިނަވަރަށް ގޮނޑި އާއި މޭޒު ނެތް ބައެއް ޑިޕާޓްމެންޓް ހުރި އިރު ބައެއް ތަންތަން މި ފެންނަނީ ގަނޑުވަރު ފެންވަރުގައި ކަމަށާއި އަލަށް އަންނަ މުވައްޒަފުންނަށް އިންޑަކްޝަން ޓްރެއިނިން ކުރިއަށް ނުގެންދާ ކަމަށް ވިދާޅުވިއެވެ.



