އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުން ހުރި ފޮތެއް ސްރީ ލަންކާގެ ގެއެއްގެ ތެރެއިން ފެނުނު މައްސަލައެއްގައި އެ ގައުމުގެ ފުލުހުން ހައްޔަރުކޮށްފައިވާ ދެ ދިވެހިން މިއަދު ދޫކޮށްލައިފިއެވެ.
ފޮރިން މިނިސްޓްރީގެ ޑިރެކްޓަ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު ވިދާޅުވީ، ދެ ދިވެހިން ދޫކޮށްލީ ލަންކާގެ ކޯޓުން ކަމަށާއި، އެ މީހުންގެ މައްޗަށް އެއްވެސް ދައުވާއެއް އުފުލާފައި ނުވާ ކަމަށެވެ.
އޭޕްރީލް 21 ވަނަ ދުވަހު ލަންކާގައި ދިން ޓެރަރިސްޓު ހަމަލާތަކަށްފަހު، އެގައުމުގައި ހިންގި އޮޕަރޭޝަންއެއްގައި ހައްކުރި ދެމީހުންނަކީ އާދަމް މުހައްމަދު މަނިކު (ފުނަމާ) އާއި ހަސަން މަނިކު (ބައިކެނޑި) އެވެ.
މި ދެ ދިވެހިން ހައްޔަރުކޮށްފައިވަނީ، ލަންކާއަށް ބޭސްފަރުވާކުރަން ގޮސްއުޅެނިކޮށެވެ. އެގޮތުން މިދެމީހުންގެ ތެރެއިން އާދަމް މަނިކު ލަންކާއަށް ބޭސްފަރުވާއަށް ގޮސް މަޑުކޮށްގެން ހުރީ ހަސަން މަނިކު ލަންކާގައި ދިރިއުޅޭ ގޭގައެވެ.
ހަސަން މަނިކުގެ ގެއިން ފެނުނު އައިސިސްގެ މައުލޫމާތު ހިމެނޭ ފޮތަކީ "ބްލެކް ފްލެގްސް ދަ ރައިޒް އޮފް އައިސިސް" އެވެ. އައިއެސް ޖަމާއަތް އުފެދިގެން އައި ގޮތާ ގުޅޭގޮތުން އެމެރިކާގެ ނޫސްވެރިއަކު ލިޔެފައިވާ ފޮތެކެވެ.
މީޑިއާއަށް ތިލަވެފައިވާ މައުލޫމާތުން އިނގޭ ގޮތުގައި، ހައްޔަރު ކުރި ދެ މީހުންނާ އެ ފޮތާ ގުޅުމެއް ނެތް ކަމާއި، އެ ފޮތަކީ ލަންކާގައި ޕޮލިޓިކަލް ސައިންސް ކިޔަވާ ދިވެހި ދަރިވަރަކު ގެންގުޅުނު ފޮތެކެވެ.
ލަންކާގައި މިދިޔަ މަހުގެ 21 ވަނަ ދުވަހު ދިން، 250 އަށް ވުރެ ގިނަ މީހުން މަރުވި ޓެރަރިސްޓް ހަމަލާތަކަށް ފަހު ސަލާމަތީ ބާރުތަކުން ހިންގަމުން އަންނަ އޮޕަރޭޝަންތަކުގައި އަށް ދިވެއްސަކު ހައްޔަރުކޮށް ގިނަ ބަޔަކު އެ ގައުމުގެ ފުލުހުންގެ މަރުކަޒުތަކަށް ހާޒިރުކޮށްފައިވެ އެވެ.
ލަންކާގައި މިދިޔަ މަހުގެ 21 ވަނަ ދުވަހު ދިން، 250 އަށް ވުރެ ގިނަ މީހުން މަރުވި ޓެރަރިސްޓް ހަމަލާތަކަށް ފަހު ސަލާމަތީ ބާރުތަކުން ހިންގަމުން އަންނަ އޮޕަރޭޝަންތަކުގައި އަށް ދިވެއްސަކު ވަނީ ހައްޔަރުކޮށްފައެވެ.
އޭގެ ތެރެއިން ގިނަ މީހުންގެ މައްސަލަ އަކީ ވިސާގެ މުއްދަތު ހަމަވުމުން ވެސް ލަންކާގައި ދިރިއުޅުން ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ކުރިން ވަނީ ވިދާޅުވެފައެވެ.




