ސްރިލަންކާ އަށް "ސޭފް ޓްރެވަލް" ސްޓޭމްޕް ލިބިއްޖެ

ކޮވިޑް-19 އާއި ގުޅިގެން ވޯލްޑް ޓްރެވެލް އެންޑް ޓޫރިޒްމް ކައުންސިލް އިން ރައްކާތެރި ގައުމު ތަކަށް ދޭ "ސޭފް ޓްރެވަލް" ސްރިލަންކާ އަށް ލިބިއްޖެ އެވެ.

ސްރިލަންކާ އަށް "ސޭފް ޓްރެވަލް" ސްޓޭމްޕް ދީފައިވަނީ ސްރިލަންކާގެ ސަރުކާރާއި އެގައުމުގެ ޓޫރިޒަމް ޑިވެލޮޕްމެންޓް އޮތޯރިޓީ އިން އެގައުމަށް ދަތުރުކުރާ ގައުމުގެ މީހުންނާއި ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ގަވާއިދުތަކާއި ގުޅިގެން ކަމަށް ވޯލްޑް ޓްރެވެލް އެންޑް ޓޫރިޒްމް ކައުންސިލް އިން ވިދާޅުވިއެވެ.

މި ސްޓޭމްޕްގެ ސަބަބުން އެ ގައުމަށް ޒިޔާރަޔް ކުރާ ފަތުރުވެރިންނަށް ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ސްރިލަންކާ އަށް ޒިޔާރަތް ކުރުމަށް އިތުރު ބާރަކަށް ވާނެއެވެ. އަދި އެ މި ސްޓޭމްޕްގެ ސަބަބުން ގައުމުގައި ސާފުތާހިތުކަމާއި ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅާފައިވާ ތަންތަން އެންގޭނެއެވެ.

ކޮވިޑް-19 އާއި ހަނގުރާމަ ކުރުމުގައި ފުރިހަމަ ކާމިޔާއެއް ސްރިލަންކާ ހޯދަމުން އަންނަ ކަމަށާއި ސްރިލަންކާ އަކީ ރައްކާތެރިގޮތެއްގައި ދަތުރު ކުރުމަށް ނަމޫނާ ގައުމެއް ކަމަށް ސްރިލަންކާގެ ޓޫރިޒަމް ޗެއާޕާސަން ވިދާޅުވިއެވެ.

ސްރިލަންކާ އަށް "ސޭފް ޓްރެވަލް" ސްޓޭމްޕް ލިބިފައިވާއިރު މި ސްޓޭމްޕް ލިބިފައިވާ ބައެއް ގައުމުތަކުގެ ތެރޭގައި އިންޑޮނޭޝިއާ، ދުބާއީ، ޓަންޒެނިއާ، ޕޯޗުގަލް، މެކްޒިކަން ކެރިބިއަން، ބާސެލޯނާ، މެޑްރިޑް، ތުރުކީ، ބަލްގޭރިއާ، ޖުމެއިކާ، ސައުދި އަރަބިއްޔާ އަދި ރުވަންޑާ ހިމެނެއެވެ.

ސްރިލަންކާގައި ކޮވިޑް-19 އަށް 2,871 މީހުން ފައްސި ވެފައިވާއިރު 2,593 މީހުން ވަނީ މި ބަލިން ރަނގަޅު ވެފައެވެ. އެހެންކަމުން މިހާރު ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު ވަނީ 278 ދަށް ވެފައެވެ. ސްރިލަންކާގައި ކޮވިޑް-19 ގެ ސަބަބުން މަރުވެފައި ވަނީ 18 މީހުންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ