މާސްކް އެޅުން މަޖުބޫރު ކުރީ އިތުރު ފުރަބަންދަކަށް ދާން ބޭނުން ނުވާތީ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައ،ި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވާހަކަ ދައްކަވަމުން ވިދާޅުވީ މާސްކް އެޅުން މަޖުބޫރު ކުރީ އަޅުގަނޑުމެން އިތުރު ލޮކްޑައުން އަކަށް ދާން ބޭނުން ނުވާތީ ކަމަށާއި އަޅުގަނޑުމެން ރާއްޖޭގެ ބޯޑަރު އިތުރަށް ބަންދު ކުރަން ބޭނުން ނުވާތީ ކަމަށާއި ރާއްޖޭގެ އެހެން ރަށްރަށަށް އެއްފަހަރާ ކޮވިޑް-19 ފެތުރެން ބޭނުން ނުވާތީ ކަމަށެވެ.
އަމީން އިތުރަށް ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ މާސްކް ނޭޅުމުން ޖޫރިމަނާ ކުރުމަށް ނިންމީ މާސްކް ނޭޅުމުން ހަމައެކަނި އޭނާ އަށް ގެއްލުން ލިބޭތީ ނޫން ކަމަށާއި އޭނާގެ ވަށައިގެން ތިބި މީހުންނަށް ވެސް އެކަމުގެ ސަބަބުން ގެއްލުން ލިބޭ ކަމަށާއި ކަމެއް ނޫން ކަމަށް ހީކޮށް ދޫކޮށްލެވޭ ކަމަކުން އަޅުގަނޑުމެންގެ އެތައް ބައެއް މިކަމަށް ހުށަހެޅިގެން ދާ ކަމަށެވެ.
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ގެ ވާހަކަ އަށްފަހު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ބޮޑު ބިރުވެރިކަމެއް ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން އެފެދިފައިވާ ކަމަށާއި މި ބިރުވެރިކަމުގެ ސަބަބުން ރާއްޖޭގެ ރަށްރަށަށް މީހުންނަށް އަރާ ފެބުމަށް ދަތިވާކަމަށާއި ކައުންސިލް ތަކުން ދެކޭ ގޮތްތައް ތަފާތުވާ ކަމަށާއި އެއްބަޔަކާއި އަނެއްބަޔަކާއި އެކީ އުޅޭގޮތްވެސް ތަފާތުވާ ކަމަށެވެ.