ފިނޭންސް މިނިސްޓްރީގެ އިމާރާތް - ފޮޓޯ: މޯލްޑިވްސް ޓައިމްސް

ދައުލަތް ހިންގުމަށް 6.4 ބިލިއަން ރުފިޔާ، ތަރައްޤީއަށް 1.6 ބިލިއަން ރުފިޔާ

ދައުލަތަށް ލިބޭ އާމްދަނީން އެންމެ ބޮޑު ޚަރަދެއްކުރަނީ ރިކަރަންޓް ނުވަތަ ދައުލަތުގެ ހިންގުމުގެ ޚަރަދަށްކަމަށް ދައުލަތުގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ. 

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މޭމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 8.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެ ތެރެއިން 79 އިންސައްތަ ދަޢުލަތް ހިންގުމަށް ޚަރަދުކޮށްފައިވާއިރު، ޤައުމުގެ ތަރައްޤީއަށް ހޭދަކޮށްފައިވަނީ 21 އިންސައްތައެވެ.

ދަޢުލަތަށް އާމްދަނީގެ ގޮތުގައި ލިބުނު 8.5 ބިލިއަން ރުފިޔާގެ ތެރެއިން ދައުލަތް ހިންގުމަށް ޚަރަދުކޮށްފައިވަނީ 6.4 ބިލިއަން ރުފިޔާއެވެ. އޭގެ ތެރޭގައި މުސާރާއި އިނާޔަތާއި ޕެންޝަނާއި، ދައުލަތުގެ އޮފީސްތައް ހިންގުމުގެ ޚަރަދު ހިމެނެއެވެ. އަދި ތަރައްޤީއަށް ޚަރަދުކޮށްފައިވަނީ 1.6 ބިލިއަން ރުފިޔާއެވެ. އޭގެ ތެރޭގައި ޕީއެސްއައިޕީގެ މަޝްރޫޢުތަކަށް ޚަރަދުކޮށްފައިވާ 708 މިލިއަން ރުފިޔާވެސް ހިމެނެއެވެ.

ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނު 8.5 ބިލިއަން ރުފިޔާގެ ތެރެއިން 6.4 ބިލިއަން ރުފިޔާއަކީ ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ. އޭގެ ތެރޭގައި ޖީއެސްޓީގެ ގޮތުގައި ލިބުނު 3.2 ބިލިއަން ރުފިޔާއާއި ބީޕީޓީގެ ގޮތުގައި ލިބުނު 1.2 ބިލިއަން ރުފިޔާއާއި، އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު 1.2 ބިލިއަން ރުފިޔާ ހިމެނެއެވެ. މީގެ އިތުރުން ގްރީން ޓެކްސްގެ ގޮތުގައި 339.3 މިލިއަން ރުފިޔާ ލިބިފައިވާއިރު އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި ލިބިފައިވާ 291.6 ރުފިޔާ ވަނީ ލިބިފައެވެ.  އަދި 1.6 ބިލިއަން ރުފިޔާއަކީ ޓެކްސް ނޫން އާމްދަނީއެވެ. 

ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު އޭގެ ތެރޭގައި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބިފައިވާ 294.1 މިލިއަން ރުފިޔާއާއި ރިސޯޓް ކުލީގެ ގޮތުގައި ލިބިފައިވާ 466.1 މިލިއަން ރުފިޔާ ހިމެނެއެވެ.

ދައުލަތް ހިންގުމަށް 6.4 ބިލިއަން ރުފިޔާ، ތަރައްޤީއަށް 1.6 ބިލިއަން ރުފިޔާ

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ