ކުރިއަށްއޮތް ހަފްތާ ބަންދުގައި ރާއްޖޭގެ ބައެއް އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން ހާމަކުރައްވައިފިއެވެ.
މެޓް އޮފީހުން މިއަދު ވިދާޅުވެފައިވަނީ ކުރިޔަށް އޮތް ހަފްތާ ބަންދުގައި ރާއްޖޭގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށެވެ.
ހުކުރުދުވަހު މޫސުން ރަނގަޅުވި ނަމަވެސް ހޮނިހިރު ދުވަހުގެ މޫސުން ލަފާކޮށް މެޓްއޮފީހުން ވިދާޅުވީ، ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށާއި ރާއްޖޭގެ ދެކުނުގެ ހުރިހާ އަތޮޅަކަށް ކެރީގެ އަސަރު ކުރާނެ ކަމަށެވެ.
ކުރިއަށްއޮތް 24 ގަޑިއިރުގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ދެކުނުގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށާއި އުތުރާއި މެދުރާއްޖެތެރޭގެ މަދު ރަށްތަކަށް ކެރީގެއަސަރު ފޯރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ.
"މެދުރާއްޖެތެރެއާއި އުތުރު އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ދެކުނުގެ އަތޮޅުތަކަށް، ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 5 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަ ވުން އެކަށީގެން ވޭ." މެޓް އޮފީހުން ވިދާޅުވިއެވެ.
މެޓް އޮފީހުން އިތުރަށް ވިދާޅުވީ، މެދުރާއްޖެތެރެއާއި އުތުރު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަ ވާނެ ކަމަށާއި ދެކުނު އަތޮޅުތަކުގެ ކަނޑުތައް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެ ކަމަށެވެ.



