ޖަލުތަކުގައި ކުއްވެރިން ބެލެހެއްޓުމުގެ ފަލްސަފާ މިއަދު ބަދަލުވެފައިވާކަމަށް ހޯމް މިނިސްޓަރ ޝައިޙް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަށް 49 އަހަރު ފުރުމުގެ މުނާސަބަތުގައި ދެއްވި ޚާއްސް މެސެޖެއްގައި މިނިސްޓަރ އިމްރާން ވިދާޅުވީ ކުރީގެ ފަލްސަފާއަށް ބަލާއިރު ކުއްވެރިން ބެލެހެއްޓުމުގެ ފަލްސަފާ މިއަދު ބަދަލުވެފައި ވާކަމަށެވެ.
"މިއަދު އިންސާނީ ހައްޤަތް، ކަރާމަތަށް ރައްކާތެރިވެ ތިބެ، ކުއްވެރިން ބަލަހައްޓަމުން ދާއިރު، އެމީހުން ރިހިބިލިޓޭޓްކޮށް އާންމު މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް އެކަށީގެންވާގޮތުގައި އެމީހުން ރިހިބިލިޓޭޓްކޮށް ނެރުމަކީ މިއަދުގެ ފަލްސަފާ" މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
ކުއްވެރިން ރިހިބިލިޓޭޓް ކޮށް، މުޖުތަމަޢުއަށް ނެރުމަށް ކަރެކްޝަންސްގެ ފަރާތުން ކުރަމުންދާ މަސައްކަތްތައް ހަރުދަނާ ކުރަމުންދާ ކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ. ޖަލުގެ ވަސީލަތްތައް އިތުރަށް ފުރިހަމަކޮށް، ކަރެކްޝަންސް އޮފިސަރުންގެ ޓްރެއިނިންގ އިތުރަށް ފުރިހަމަ ކުރުމަކީ އުއްމީދު ކުރައްވާކަމެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އަދި މިހާރު ކުރަމުންދާ މަސައްކަތުން ކުށުގެ ވެށިން ރާއްޖޭގެ މުޖުތަމަޢު ސަލާމަތްކުރުމަށް އެޅިގެންދާ ހަރުދަނާ ފިޔަވަޅަކަށް ވާނެކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އިމްރާން ވަނީ ކަރެކްޝަންސްގެ 49 ވަނަ އަހަރި ދުވަހުގެ ހެޔޮއެދުންތައް ކޮމިޝަނަރ އޮފް ޕްރިޒަންސް އަށާއި ކަރެކްޝަންގެ ހުރިހާ އޮފިސަރުންނާއި އޮފިސަރުންގެ އާއިލާތަކަށާއި ކަރެކްޝަންސްގެ ހުރިހާ މުވައްޒަފުންނަށް ފޮނުވާފައެވެ.