ފުރާންސް އިން އިނގިރޭސިވިލާތައް އަންނަ ފަރާތްތައް މާދަމާއިން ފެށިގެން ކަރަންޓީން ކުރަން އިނގިރޭސި ސަރުކާރުން ނިންމުމާއި ގުޅިގެން ފުރާންސްގައި ޗުއްޓީ ހޭދަކުރަމުންދިޔަ އެތައްހާސް ފަތުރުވެެރިންނެއް އެނބުރި އިނގިރޭސިވިލާތައް އައުމުގެ ދަތުރު ފަށައިފިއެވެ.
އިނގިރޭސިވިލާތުން ފުރާންސްއިން އަންނަ ފަރާތްތައް މާދަމާއިން ފެށިގެން14 ދުވަހުގެ މުއްދަތައް ކަރަންޓީން ކުރުމަށް ނިންމައިފައިވަނީ އެގައުމުގައި ފާއިތުވެދިޔަ ހަފްތާގެ ތެރޭގައި ކޮވިޑް-19ގެ ކޭސްތައް ފެންނަ މިންވަރު އިތުރުވެފައި ވުމާއި ގުޅިގެންނެވެ.
އިނގިރޭސިވިލާތުގެ ޓުރާންސްޕޯޓް ސެކެރެޓަރީ ވިދާޅުވީ، އިނގިރޭސިވިލާތުގައ ކޮވިޑް-19 ފެތުރޭ މިންވަރު ދަށްކުރުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި މިދަނޑިވަޅުގައި ކޮވިޑް-19ގެ ވައިރަހާއެކު ގައުމަށް އެއްވެސް މީހަކު އެތެރެވާން ނޭދޭ ކަމަށެވެ. ކޮވިޑް-19 ހަލުވިކަމާއެކު ފެތުރޭ ގައުމުތަކުން އިނގިރޭސިވިލާތައް އެތެރެވާ މީހުން ކަރަންޓީން ކުރަން ނިންމައިފައިވަނީ އެންމެންގެ ސަލާމަތައްޓަކައި ކަމަށެވެ.
ޓުރާންސްޕޯޓް ސެކެރެޓަރީ އިތުރަށް ވިދާޅުވެފައިވަނީ މިވަގުތު ފުރާންސްގައި އިނގިރޭސިވިލާތުގެ 160،000 ފަތުރުވެރިން ޗުއްޓީ ހޭދަކުރަމުންދާ ކަމަށެވެ.
އިނގިރޭސިވިލާތުން މުޅި ޖުމްލަ 313,798 މީހުންވަނީ ކޮވިޑް-19 އަށް ޕޮޒިޓިވުވެފައެވެ. އަދި މިބަލީގައި އިނގިރޭސިވިލާތުން 41,358 މީހުންވަނީ މަރުވެފައެވެ.




