އިންޑިއާ އިން ރާއްޖެ އަށް ދިން ލޯންތަކާއި ގުޅިގެން ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ނައިބު ރައީސް ކަން ކުރެއްވި ޑރ. މުހައްމަދު ޖަމީލް އަހުމަދު ސަރުކާރާއި ސުވާލުތަކެއް ކުރިމަތި ކުރައްވާ ޓްވީޓްތަކެއްް ކުރައްވައިފިއެވެ.
ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސަރުކާރުން ނަންގަވާ ބޮޑެތި ލޯންތައް ދެއްކޭނެ މިންވަރުގެ ރެވެނިއު އެއް ސަރުކާރަށް ކުރިއަށް އޮތް ދުވަސްތަކުގައި ލިބޭނެތޯއާއި ލޯންތައް ނަގާފައިވާ ލޯންތައް ނުދެއްކިއްޖެ ނަމަ މިފަހަރު ވިއްކަން ހުށަހަޅާފައިވަނީ ކޮން ރައްތަކެއްތޯ އެވެ. އަދި ކޮން ހަރުމުދަލެއްތޯ ވެސް ސުވާލު ކުރެއްވި އެވެ.
އަދި ގައުމު ދަރަނިވެރިވެ، އެސެޓް ވިއްކައިގެން ވިޔަސް ކޮންމެހެން ބްރިޖް އެޅުން ވާޖިބުވީ ކީއްވެތޯ އާއި ކޮންމެ ފަހަރަކު މުސާރަ ދިނުމަށް ލޯން ނެގުން ނޫން ވިސްނުމެއް ނެތީތޯ ސުވާލު ކުރެއްވި އެވެ.
"އައްޑޫ ގަން އިންގިރޭސިންނަށް ދިން ގޮތައް ރާއްޖޭހެ ރަށްތައް ބޭރުގެ ބާރުތަކަށް ދޭން ފަށަނީ ތޯ" ޖަމީލް ވިދާޅުވިއެވެ.
ޖަމީލް އިތުރަށް ވިދާޅުވެފައިވަނީ މި ސަރުކާރަކީ ރައްޔިތުންގެ ވެރިކަމެއް ނަމަ، ފޮރުވައިގެން ކަންތައްތައް ނިންމަނީ ކީއްވެގެންތޯ އާއި ދިވެހިންނަކީ ކޮންމެ ބައެއްގެ ވެސް އިހްސާންތެރިކަމަށް ޝުކުރުވާ ބައެއް ކަމަށެވެ. ނަމަވެސް ކުރާ އެއްވެސް ކަމަކުން ދިވެހި ރާއްޖޭގެ މިނިވަންކަން ގެއްލި ގައުމު އަޅުވެތިކަމަށް ގޮސްގެން ނުވާނެ ކަމަށް ޖަމީލް ވިދާޅުވިއެވެ.
މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ބްރިޖު މަޝްރޫއަށް 7.7 ބިލިއަން ރުފިޔާ އިންޑިއާއިން ލިބިފައި ވެއެވެ. ބްރިޖު މަޝްރޫއަށް އިންޑިއާ ސަރުކާރުން ދޭ 500 މިލިއަން ޑޮލަރުގެ އެހީގެ ތެރޭގައި ލޯން އަދި ހިލޭ އެހީގެ ކޮމްޕޯނަންޓް ހިމެނޭނެ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.




