ސްކޫލް ދަރިވަރުންތަކެއް | ފޮޓޯ: ވަގުތު

ކޮވިޑް-19 އާއި ގުޅިގެން ދަރިވަރުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ބައްދަލުވުންތަކެއް ފަށައިފި

ކޮވިޑް-19 އާއި ގުޅިގެން ދަރިވަރުންގެ އުނގެނުމަށް ދިމާވާ ދަތިތައް ހައްލުކުރެވޭނެ ގޮތްތަކާބެހޭ ގޮތުން މަޝްވަރާ ކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ސިލްސިލާ ބައްދަލުވުންތަކެއް ފަށައިފިއެވެ.

ޔުނިސެފާ ގުޅިގެން ކުރިއަށްދާ މި ބައްދަލުވުމުގައި މިނިސްޓްރީގެ ބޭފުޅުން މިއަދު ވަނީ ސީއެޗްއެސްއީގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނާއި ބައްދަލުކޮށްފައެވެ. އޮންލައިންކޮށް ތިން ސެސަޝަނަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ބައްދަލުވުންތަކުގައި ވަނީ ކޮވިޑް19- އާއި ގުޅިގެން ކުދިންގެ ކިޔެވުމަށް އައިސްފައިވާ ބަދަލާއި، އަދި އެކަމާ ގުޅިގެން ސްކޫލްތަކުން އަޅަމުންދާ ފިޔަވަޅުތަކާމެދު ދެކެނީ ކިހިނެއްތޯއާއި އަދި މީގެ އިތުރުން ދަރިވަރުންގެ ތަޢުލީމު މެދުނުކެނޑި ކުރިއަށް ގެނައުމަށް އެޅެން ހުރި ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުވުން ތަކުގައި، ބައިވެރިންނަށް ވަނީ އެ ގްރޫޕަކާ ގުޅޭގޮތަށް، ސްކޫލަށް ދިއުން މެދުކެނޑުމުން ދިމާވާ ލަރނިންގ ލޮސް ނުވަތަ ޢިލްމާއި ހުނަރު ގެއްލިގެން ދިއުމުގެ ސަބަބުން ދިމާވާ ބޮޑެތި މައްސަލަތަކާބެހޭ ގޮތުން މަޢުލޫމާތު ދީފައެވެ. މީގެ އިތުރުން ދަރިވަރުންގެ ރައްކާތެރިކަމަށްޓަކައި ސްކޫލްތަކުގައި ޤާއިމްކުރެވިފައިހުރި ވަސީލަތްތަކާއި، އިންތިޒާމްތައް ބައްދަލުވުމުގެ ބައިވެރިންނަށް ދައްކާލެވުނެވެ.

ވަކިން ބޭއްވުނު ބައްދަލުވުން ތަކުގައި ދަރިވަރުން، ބެލެނިވެރިން އަދި މުދައްރިސުންވަނީ އެ ފަރާތްތަކުގެ ހުރި ކަ ޙިއްސާ ކުރައްވާފައެވެ. އަދި މިކަންބޮޑުވުންތަކަށް ހައްލުހޯދޭނޭ ގޮތްތަކާ ބެހޭގޮތުން މި ބައްދަލުވުން ތަކުގައިވަނީ މަޝްވަރާ ކުރައްވާފައެވެ. ބައްދަލުވުމުގެ ބައިވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވާފައިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އިސްވެރިން ހިމެނިވަޑައިގަންނަވާ ޕެނަލަކުންނެވެ.

މިއަދު ފެށިގެން މިދިޔަ ބައްދަލުވުންތައް ހުރިހާ ސްކޫލެއްގައި ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. ސްކޫލްތައް ބަންދުވެ ކުދިން ގޭގައި ތިބުމުން އެ ކުދިންނަށް ލިބޭ އިޖުތިމާޢީ ގެއްލުމަކީ މިންކުރެވޭ ވަރަށްވުރެން ބޮޑުގެއްލުމެކެވެ. ކުދިން ސްކޫލަށް ނުގޮސް ގިނަ ދުވަހު ގޭގައި ތިބެންޖެހުމުގެ ސަބަބުން އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަމާއި، އިޖްތިމާޢީ އަދި ތަޢުލީމީ ގޮތުން ކުރިއެރުމަށް ހުރަސް އެޅިގެންދެއެވެ.

ތަޢުލީމަކީ ހަމައެކަނި ފޮތުގައި އޮންނަ ފިލާވަޅުގެ އިތުރުން ދަރިވަރުން އެކަކު އަނެކަކާއި ދެކެވޭ ވާހަކައިންނާއި، ރަޙުމަތްތެރިންނާއި، އެހެނިހެން ދޭދޭ ގުޅުމުގެ ތެރެއިން ދަސްކުރާ ކަންކަމެވެ. އިޖުތިމާޢީ ހުނަރު އެންމެ ބޮޑަށް ކުދިން ދަސްކުރަނީ އެހެން ކުދިންނާއެކު އެކި ކަންކަމުގައި އުޅުމުގެ ތެރެއިން ކަމަށްވާއިރު، ސްކޫލް މާހައުލުން ދަރިވަރުންނަށް އުނގެނެން ފުރުޞަތު ވީހާވެސް އަވަހަށް ހޯދައިދިނުމަކީ ދަރިވަރުންގެ މުސްތަޤުބަލަށް އެޅިގެންދާނެ ވަރަށް މުހިއްމު ފިޔަވަޅެކެވެ.

ޚަބަރު: މިނިސްޓްރީ އޮފް އެޑިޔުކޭޝަން

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ