ބަންގްލަދޭޝް ބަހުން އެނައުންސްމަންޓެއް އަންނާތީ ސުޕްރީމް ކޯޓުގައި ކުރިޔަށް ދިޔަ ޝަރީޢަތުގެ އަޑުއެހުމެއް މެދުކަނޑާލައިފި އެވެ.
މިހާރު އޮންލައިންކޮށް ކުރިޔަށްދާ ކުރީގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދުގެ އަޑު އެހުމެއް ކުރިޔަށް ދަނިކޮށް ބޭރުން ތަން ކޮޅެއް އަޑުގަދަކޮށް އެހެން އެނައުންސްމަންޓެއް ކުރިޔަށް ދާތީ ފަނޑިޔާރު އަލްއުސްތާޛް މަޙާޒް ޢަލީ ޒާހިރު ވަނީ ޝަރީއަތް ވަގުތުކޮޅަކަށް މެދު ކަނޑާލައިފައެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދުގެ މައްޗަށް ކުރެވޭ ޢަދުލު އިންސާފު ޤާއިމްކުރުމަށް ހުރަސްއެޅުމުގެ ޝަރީޢަތުގެ އަޑު އެހުމެއް އޮންލައިންކޮށް ކުރިޔަށް ދަނިކޮށް ފަނޑިޔާރު މަޙާޒް ވިދާޅުވީ "މިވަޤުތު އެހެން އެނައުންސްމަންޓެއް، ބޭރުން ތަންކޮޅެއް އަޑުގަދަކޮށް ކުރިޔަށްދާތީ ޝަރީޢަތުގެ މަޖިލިސް ވަގުތީ ގޮތުން މެދުކަނޑާލާނަން. އެއެނައުންސްމަންޓް ނިމުމާއިއެކީގައި އިތުރަށް ޝަރީޢަތުގެ މަޖިލިސް ކުރިޔަށް ގެންދާނަން" ކަމަށެވެ.
ގާތްގަނޑަކަށް 6 ވަރަކަށް މިނެޓަށް ޝަރީއަތުގެ އަޑު އެހެން ވަނީ މެދު ކަނޑާލައިފައެވެ.
ޕީޖީ ޝަމީމްވެސް ވަނީ މިހެން ވިދާޅުވެ ޓްވީޓެއް ކުރައްވާފައެވެ. ޕީޖީ ޝަމީމް ކުރެއްވި ޓްވީޓުގައި ބުނެފައިވަނީ "ނަމާދަށް ދިއުމާބެހޭ ގޮތުން ބަންގްލަދޭޝް ބަހުން އަންނަ، އެޗް.ޕީއޭގެ މުހިންމު އެނައުންސްމަންޓެއް އަންނާތީ، ސުޕްރީމް ކޯޓުގެ އަޑުއެހުން މެދުކަނޑާލައިފި. ސަސްޕެންސް! މޯލްޑިވިއަން އައިޑޮލް ގޮތަށް. މޫސާ ވަސީމް ގެ ކަމެއްތޯ މިއީ؟" އެވެ.
ނަމާދަށް ދިއުމާބެހޭ ގޮތުން ބަންގްލަދޭޝް ބަހުން އަންނަ، އެޗް.ޕީއޭގެ މުހިންމު އެނައުންސްމަންޓެއް އަންނާތީ، ސުޕްރީމް ކޯޓުގެ އަޑުއެހުން މެދުކަނޑާލައިފި. ސަސްޕެންސް! މޯލްޑިވިއަން އައިޑޮލް ގޮތަށް. @MoosaWaseem ގެ ކަމެއްތޯ މިއީ؟
— Hussain Shameem (@HuShameem) August 16, 2020
އޮންލައިންކޮށް ކުރިޔަށް ދިޔަ އަޑު އެހުން މެދު ކަނޑާލިއިރު ބަންގުލަދޭޝް ބަހުން އެނައުންސްމަންޓެއްގެ އަޑު ދިޔައީ އިވެމުންނެވެ.



