ހުޅުމާލޭ އިރުމަތީ ފަރާތު ބީޗް ސަރަހައްދު އަމިއްލަ އެކި ފަރާތްތަކުން ވިޔަފާރި އުސޫލުން ބޭނުން ކުރަމުންދާ މައްސަލައާ ގުޅިގެން އުޞޫލުތަކާ ޚިލާފުވާ ފަރާތްތަކަށް އެކަށީގެންވާ ފިޔަވަޅު އެޅުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (ޢެޗްޑީސީ) އަށް އަންގައިފިއެވެ.
މި މައްސަލައިގައި ދާދި ދެންމެ އޭސީސީން އާއްމުކުރި ބަޔާނެއްގައި ވިދާޅުވީ، އެއްވެސް އުޞޫލެއްނެތި ހުޅުމާލެ އިރުމަތީ ފަރާތު ބީޗް ސަރަހައްދު އަމިއްލަ އެކި ފަރާތްތަކުން ވިޔަފާރި ކުރުމަށް ބޭނުންކުރަމުންދާ ކަމަށާއި، ބައެއް ގެސްޓްހައުސްތަކުން ކުރިމަތީ އޮތް ހުސްބިން އަމިއްލަ ފަރާތްތަކަށް ކުއްޔަށްދީގެން ފައިދާ ނަގާއިރު އެޗްޑީސީން ފިޔަވަޅު ނާޅާކަމަށްބުނެ އެ ކޮމިޝަނަށް ހުށަހެޅުނު ޝަކުވާ ބަލައި، އަމަލުކުރަންވީ ގޮތް އެޗްޑީސީއަށް އަންގާފައިވާ ކަމަށެވެ.
މައްސަލަ ބެލިއިރު ފާހަގަކުރެވުނު ކަންކަން:
- ހުޅުމާލެއިން ދޫކުރި އެއްވެސް ގޯއްޗަކާއެކު ގޯތި ފިޔަވައި އެހެން ތަނެއް ބޭނުންކުރުމުގެ ހައްޤު ދީފައެއް ނުވޭ
- 2017 އޮކްޓޯބަރ 26 ގައި އިރުމަތީ ފަރާތު ބީޗް ވަގުތީގޮތުން ކުއްޔަށް ދިނުމުގެ އުޞޫލެއް އެކުލަވާލައި، ވެބްސައިޓްގައި ޝާއިޢުކުރި
- އުޞުލާ އެއްގޮތަށް ބީޗް ބޭނުންކުރުމަށް ހުށަހަޅާފައިނުވާ ފަރާތްތަކުން ތަން ހުސްކުރުމަށް 2017 ނޮވެމްބަރ 28 ގައި އެންގި
- އުޞޫލާ ގުޅިގެން އާއްމުންގެ ގިނަ ޝަކުވާތަކެއް ލިބުމާ ގުޅިގެން އުޞުލު މުރާޖާއަކުރުން ބޯޑުން ނިންމައި އުޞޫލު ވެބްސައިޓުން ނެގި
- ހުޅުމާލެ ބީޗް ވިޔަފާރި އުޞޫލުން ބޭނުންކުރުމުގެ މައްސަލައިގައި އަމަލުކުރަން ނިންމާފައިވާ ގޮތުގެ ޕްރޮޕޯޒަލް 2018 ޑިސެންބަރު 19 ގައި ރައީސް އޮފީހަށް ހުށަހެޅިފައިވޭ
- އެ ސަރަހައްދު ބޭނުންކުރަން ފެށިއިރު "ބޮޑު" ކަމެއްގެ ގޮތުގައި ބަލާފައި ނުވަނީ އެސަރަހައްދު ސާފުވެ ދިރުން ލިބޭތީވެކަމަށް ތަޙްޤީގުގައި އެޗްޑީސީން ބުނެފައިވޭ
- ބޮޑު ކަމަށް ނުބެލިޔަސް "ސްޓަރކްޗަރ" އެއް ހަދައިފިނަމަ ފުލުހުން މެދުވެރިކޮށް ރޫޅާލާފައިވާނެކަމަށް އެޗްޑީސީން ބުނެފައިވޭ
- ބީޗް ސަރަހައްދު ތަރައްޤީ ކުރުމުގެ ޕްލޭނެއް އެބައޮތް، އަމަލުކުރުން ލަސްވަނީ ހުޅުމާލެ ދެވަނަ ފިޔަވައްސަށް ފެންހޮޅި އަޅަންޖެހެނީ ބީޗް ސަރަހައްދުން ކަމަށްވާތީ، އެމަސައްކަތް ނުނިމޭތީ
- 2018 ޑިސެމްބަރު 24 ގައި އެޗްޑީސީން އަންގާފައިވަނީ 2019 ޖަނަވަރީ 31 ގެ ނިޔަލަށް ހުރިހާ ބީޗްގައި ހުރި ހުރިހާ ކެފޭތައް ހުސްކުރަން. އަދި ހުސްނުކޮށްފިނަމަ އެޗްޑީސީން ރޫޅާލާނެކަމްވެސް އެންގި
- 2018 ޑިސެމްބަރު 24 ގެ އިއުލާނާ އެއްގޮތަށް އެއްބަޔަކު ތަން ހުސްކުރި، އަނެއް ބަޔަކު ހުހެއް ނުކުރޭ. ހުސް ނުކުރި ފަރާތްތަކަށް ފިޔަވަޅު އަޅަން 2019 ފެބުރުބުއަރީ 3 ގައި އެކްޝަން ޕްލޭން އެކުލަވާލި.
- ފިޔަވަޅު އެޅުން މަޑުޖައްސާލީ ސަރުކާރުގެ ލަފަޔާއެކު
އޭސީސީން ކުރި ތަޙްޤީޤުން ފާހަގަކުރެވުނު ކަންތައްތަކުގެ މައްޗަށް ބަލައި، އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގެ ދަށުން އޭސީސީން ވަނީ މިމަހުގެ 20 ވަނަ ދުވަހު އެޗްޑީސީއަށް ހަތަރު ކަމަކަށް އަމުރުކޮށްފައެވެ.
އޭސީސީން އެޗްޑީސީއަށް އަންގާފައިވާ ކަންކަން
- ހުޅުމާލެ ބީޗް ބޭނުންކުރަން އަލުން ހުއްދަ ދިން ކަމުގައިވިޔަސް ކުއްޔަކާ ނުލައި ދިނުމަކީ ޢަދުލުވެރި އަދި އިންސާފުވެރި ގޮތް ކަމުގައި ނުވާތީ، އަލުން ހުއްދަ ދޭނަމަ ހަމަހަމަ ފުރުޞަތު ލިބޭނެހެން އަދި ރެގިއުލޭޓް ކުރެވޭނެ ގޮތަކަށް އިއުލާން ކޮށްގެން އެކަން ކުރުން
- ބީޗް ސަރަހައްދު ކުއްޔަށް ދޭނަމަ، ހަރުދަނާ އުޞޫލެއް އެކުލަވާލާ އުޞޫލާ އެއްގޮތަށް އެކަން ކުރުން އަދި އުޞޫލު އެކުލަވާލާއިރު ބީޗަކީ އާއްމުން ބޭނުންކުރާ ތަނެއްކަން ދަނެގެން އުޞޫލު އެކުލަވާލުން
- ބީޗް ފްރޮންޓް ގެސްޓްހައުސްތަކުން އެތަންތަނާ ދިމާލުގައިވާ ބީޗް ސަރަހައްދު އަމިއްލަ ފަރާތްތަކަށް ކުއްޔަށްދޭ ކަމަށް ހުށަހެޅިފައިވާ ޝަކުވާތައް ބަލައި އެފަރާތްތަކަށް ފިޔަވަޅު އެޅުން
- ބީޗް ބޭނުންކުރުމާ ގުޅޭގޮތުން އެޗްޑީސީން މީގެ ކުރިން އެކުލަވާލި އުޞޫލަށް ބޯނުލަނބާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން.
ހުޅުމާލޭ އިރުމަތީ ފަރާތު ބީޗް ސަރަހައްދު އަމިއްލަ އެކި ފަރާތްތަކުން ވިޔަފާރި އުސޫލުން ބޭނުން ކުރަމުންދާ މައްސަލައާ ގުޅޭ #accmv pic.twitter.com/45dcXKTp8c
— ACC-MALDIVES (@ACC_Maldives) May 22, 2019
ހުޅުމާލެ ބީޗަކީ މަތީ ފެންވަރުގެ ކެފޭތަކާއި ރެސްޓޯރެންޓްތައް ހިންގަމުން އަންނަ ސަރަހައްދެކެވެ. އެ ސަރަހައްދު ވަކި ބަޔަކަށް މާލީ މަންފާ ހޯދުމަށް ދީފައިވާ މައްސަލައިގައި ގިނަ ބަޔަކު ޝަކުވާކުރެއެވެ.



