މިސަރުކާރުގެ ވަޢުދާއި އެއްގޮތަށް މީޑިއާގެ މިނިވަންކަން ކަށަވަރު ކޮށްދޭނަންކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިމްރާން މިހެން ވިދާޅުވެފައިވަނީ ރާއްޖެ ޓީވީގެ “ފަލަސުރުހީ” ޕްރޮގްރާމުގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
އެޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އިމްރާން ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރު ނޫސްވެރިކަމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށާއި، އެގޮތުން ރިޕޯޓާރސް ވިތައުޓު ބޯޑާރސް އިން ނެރޭ ޕްރެސް ފްރީޑަމް އިންޑެކްސްގައި 2019 ވަނަ އަހަރު 20 އިންސައްތަ ކުރިއެރުމެއް ލިބިފައިވާއިރު،. އަދި 2020 ވަނަ އަހަރު 19 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަމަށެވެ. އަދި ނުސްވެރިން ކިޔާ ފާޑު ކިޔުންތައް މިސަރުކާރުން ބަލައިގަންނާނެކަމަށާއި، މީޑިއާ އާއި އެކު ވެރިކަމުގެ ނިޒާމާއި ރައްޔިތުންގެ ކަންކަން އިސްލާހް ކުރަން މިސަރުކާރުން މަސައްކަތް ކުރާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން އިމްރާން ވިދާޅުވީ، މިސަރުކާރު ވެރިކަމަށް އައީ މީޑިއާގެ މިނިވަންކަން ކަށަވަރުކޮށް ދިނުމުގެ ވައުދާއެކު ކަމަށާއި އެއާ އެއްގޮތަށް ސަރުކާރުން އަމަލު ކުރަމުން ގެންދާ ކަމަށެވެ. އެހެންނަމަވެސް މިނިވަން ނޫސްވެރިކަމެއް ކުރުމުގެ ފުރުސަތާއެކު، ބައެއް ފަރާތްތަކުން އެ މިނިވަންކަން ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ދިއުމަކީ ރައްޔިތުންގެ ކަންބޮޑުވުމެއް ކަމަށްވެސް އިމްރާންވަނީ ފާހަގަކުރައްވާފައެވެ.
އެގޮތުން ބައެއް ކަހަލަ ޚަބަރުތަކަކީ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަމާއި ބިރުވެރިކަން އުފެދޭ ޚަބަރުތައް ކަމަށާއި، މިފަދަ ޚަބަރުތައް ފެތުރުމުގެ ސަބަބުން ރައްޔިތުންނަށް މިކަންކަމުން ސަލާމަތްވުމަށް ލިބިދެންޖެހޭ އެންމެ ރަނގަޅު ފުރުސަތުން ރައްޔިތުން މަހުރޫމުވެގެންދާނެ ކަމެއްކަމަށް ޤަބޫލުކުރައްވާކަމަށްވެސް މިނިސްޓަރުގެ ވާހަކަފުޅުގައިި ފާހަގަކުރައްވާފައިވެއެވެ.



