އައްޑޫ ސިޓީ ހިތަދޫން އިތުރު މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
ހިތަދޫން ކޮވިޑަށް މިއަދު ޕޮޒިޓިވްވެފައިވަނީ އެރަށު ހޯމް ކަރަންޓީނުގައި ހުރި އުމުރުން 38 އަހަރުގެ ފިރިހެނެކެވެ.
މިއީ އައްޑޫ އިން މި ބައްޔަށް ޕޮޒިޓިވްވި ހަތަރުވަނަ މީހާ އެވެ. އަދި އައްޑޫއިން މި ބައްޔަށް ޕޮޒިޓިވްވި އެންމެންނަކީ ވެސް ހޯމް ކަރަންޓީނުގައި ތިބި މީހުންްކަންވެސް ފާހަގަކޮށްލެވެއެވެ. އައްޑޫއިން މިބައްޔަށް ޕޮޒިޓިވްވި ހަތަރު މީހުންގެ ތެރެއިން ތިން މީހުން ތިބީ ހިތަދޫގައެވެ. އަދި އަނެއް މީހާ އަކީ ފޭދޫ ހޯމް ކަރަންޓީނުގައި ހުރި މީހެކެވެ.
އަދި މީގެކުރިން ބިދޭސީއަކު މިބައްޔަށް އައްޑޫއިން ޕޮޒިޓިވްވެފައިވާއިރު އެމީހާއަކީ އައްޑޫ ހައި ސްކޫލްގެ ހޯލް އިމާރާތް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކުންފުނީގައި މަސައްކަތް ކުރާ މީހެކެވެ.
އެޗްއީއޯސީން ހާމަކޮށްފައިވާގޮތުން ހިތަދޫން މިއަދު ޕޮޒިޓިވްވި މީހާގެ ސާމްޕަލް ނަގާފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ. އަދި މިކޭސްއާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް އެޗްއީއޯސީންވަނީ ހާމަކޮށްފައެވެ.
ކޮވިޑް-19 ރާއްޖޭގެ އަތޮޅުތަކުގެ ބައެއް ރަށްރަށުން މިހާރު ފެނިފައިވާއިރު، އޭގެތެރޭގައި ގިނައީ ހޯމް ކަރަންޓީނަށް ރަށަށް އައިސް ކަރަންޓީނު މުއްދަތު ފުރިހަމަވުމުން ހަދާ ޓެސްޓުން މިބައްޔަށް ޕޮޒިޓިވްވާ މީހުންނެވެ.
ކޮވިޑް-19 އަށް ރާއްޖެއިން މިހާރު ޕޮޒިޓިވުވާ މީހުންގެ އަދަދު ކޮންމެ ދުވަހަކު ކަހަލައިގެ ގޮތަކަށް 100 އިން މަތީގައި އުޅޭއިރު އެކްޓިވް ކޭސަސްގެ ގޮތުގައި ފަރުވާދެމުންދާ މީހުންގެ އަދަދަކީ 2،449 އެވެ. ރާއްޖެއިން 5500 އަށްވުރެ ގިނަ މީހުންވަނީ މިބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި މިބަލީގައި 22 މީހަކު ނިޔާވެފައިވެއެެވެ.




