ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒައިނާ އާދަމް، އެ ޕާޓީން ވަކިކުރުމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވައިފި އެވެ.
ރޮޒެއިނާގެ މަޅީގައި އެމްޑީޕީގެ އެއްވެސް މެމްބަރަކު ނުޖެހޭނެ ކަމަށް މީގެކުރިން ނަޝީދު ވިދާޅުވެފައިވަނިކޮށް، ރޮޒައިނާ އެމްޑީޕީން ވަކި ކުރަން ނަޝީދު ހުށަހެޅުއްވީ، އެ ޕާޓީގެ ގައުމީ މަޖިލީހުގެ ރަސްމީ ވަޓްސްއެޕް ގުރޫޕުގައެވެ.
"ރޮޒައިނާ އާދަމް އެމްޑީޕީގެ މެމްބަރު ކަމުން ވަކި ކުރުމަށް އަޅުގަނޑު ހުށަހަޅަން". އެމަނިކުފާނު ވަޓްސްއެޕް ގުރޫޕަށް ފޮނުވި މެސެޖްގައި ވެއެވެ.
ރައީސް ނަޝީދު އެގޮތަށް ވިދާޅުވުމުން، ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ރައީސް ނަޝީދު ހުށަހެޅުމަށް ތާއީދު ކުރައްވާކަމަށް މެސެޖް ކުރެއްވިއެވެ. އަދި ތާއިދުކުރައްވާ ޝިޔާން ވިދާޅުވީ، ރޮޒައިނާ ޕާޓީން ވަކިކުރުމަށް މާ ލަސްވެސްވެއްޖެ ކަމަށެވެ.
ރޮޒެއިނާގެ މަޅީގައި އެމްޑީޕީގެ އެއްވެސް މެމްބަރަކު ނުޖެހޭނެ ކަމަށް މީގެ ކުރިން ނަޝީދު ވިދާޅުވުމުން، ރޮޒެއިނާ އޭގެ ރައްދުގައި ބުނެފައިވަނީ، އޭނާ އަކީ މީހަކު ބުނާހާ އެއްޗަކަށް "ޔެސް ސަރ" ކިޔާނެ މީހެއް ނޫން ކަމަށެވެ.
ރައީސް ނަޝީދު ރޮޒައިނާ ވަކިކުރުމަށް ގައުމީ މަޖިލިސް ވަޓްސްއަޕް ގުރޫޕަށް ހުށަހެޅުއްވި އިރު، އެމަނިކުފާނު އިސްވެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ މަގާމުން ވަކިކުުރުމަށް އިތުރުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމުގެ މަސައްކަަތް ކުރަމުންނެެވެ. އަދި މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް މަސައްކަތް ކުރާތީ، އެކަމާއި ދެކޮޅަށް ރޮޒައިނާ ވަނީ އަޑު އުފުލާފައެވެ.
މިނިސްޓަރު ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ހުށައެޅުމުން، ރޮޒެއިނާ ވަނީ ނަން ހާމަނުކޮށް ނަމަވެސް ނަޝީދުއަށްކަން ދޭހަވާ ގޮތަށް ޓްވިޓާގައި ބަހުގެ ހަމަލާތަކެއް ދީފައެވެ.
ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު ކަމުގައި ހުންނެވުމަށްފަހު، ރޮޒައިނާ އެމްޑީޕީއަށް ސޮއި ކުރެއްވީ، 2013 ވަނަ އަހަރުއެވެ.



