އަވައްޓެރި ސްރީލަންކާއިން ދިވެހި އާއިލާއެއް ހައްޔަރުކޮށްފިއެވެ.
ފޮރިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިއުވާން މުހައްމަދު ވިދާޅުވީ، ވިސާ ނެތި ސްރީލަންކާގައި ގިނަ ދުވަސްވެފައިވާ ދިވެހި އާއިލާއެއް ލަންކާގެ ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ވަނީ ލިބިފައިކަމަށެވެ.
ހައްރުކޮށްފައިވާ އާއިލާއަށް ފޯރުކޮށްދެންޖެހޭ ކޮންސިއުލަރ އެހީތެރިކަން ދަނީ ފޯރުކޮށްދެމުންކަމަށްވެސް މިއުވާން މައުލޫމާތު ދިނެވެ.
މި ނޫހަށް މައުލޫމާތު ލިބިފައިވާގޮތުގައި މި އާއިލާ ވިސާ ނެތިގެން ހައްޔަރުކޮށްފައިވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ. މި އާއިލާއގައި 3 މީހުންނާއި 8 އަހަރުގެ ކުޑަ ކުއްޖަކު ހުންނަކަމަށާއި، އަދި އެ އާއިލާގެ ފިރިމީހާއަކީ ހިތުގެ އޮޕަރޭޝަނެއް ކޮށްފައިވާ މީހެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މިއުވާން ވިދާޅުވީ، ސްރީލަންކާގައާއި އަދި އެހެން ބޭރު ގައުމުތަކުގައިވެސް ތިބޭ ދިެހިންނަށް ގަވާއިދުން ވިސާ ނެގުމަށާއި އާ ކުރަން ޖެހޭ ހާލަތުގައި އާ ކުރުމަށް ހަނދާންކޮށްދޭކަމަށެވެ. އަދި ވިސާގެ ގަވާއިދުތަކުގެ އިތުރުން ބޭރުގައި ތިބޭއިރު، އެ ގައުމުތަކުގެ ޤާނޫނުތަކަށާއި، ގަވާއިދުތަކަށް އިހްތިރާމްކުރަން ޖެހޭ ކަމަށް މިއުވާން ވިދާޅުވިއެވެ.



