ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ތެޔޮ ލީކްވުމުގެ ހާދިސާއެއް ހިނގައިފި ޙާލަތެއްގައި ތިމާވެއްޓަށް ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަށް ބޭނުންވާ އާލާތްތައް ޖަޕާނުން ހަދިޔާކުރުމާ ގުޅިގެން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ޖަޕާނަށް ޝުކުރު އަދާކުރައްވައިފިއެވެ.
މިއަދު ހެނދުނު ހުޅުމާލެ ކޯސްޓް ގާޑް ބަނދަރު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި ޖަޕާން ސަރުކާރުގެ ފަރާތުން މިތަކެތި ވަނީ ދިވެހި ސަރުކާރާ ހަވާލުކުރައްވާފައެވެ.
އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާލުވެފައިވަނީ ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް އަބަދުވެސް ދެއްވާ އެހީތެރިކަމަށް ޗައިނާގެ ހާރިޖީ ވަޒީރަށް ވަރަށް ޝުކުރު އަދާ ކުރައްވާ ކަމުގައެވެ.
43.3 މިލިއަން ރުފިޔާގެ ތަކެތި ޖަޕާނުން ރާއްޖެއަށް ހަދިޔާކުރުމުގެ އެއްބަސްވުމުގެ އެކްސްޗޭންޖް އޮފް ނޯޓްސްގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއެވެ. އަދި ޖަޕާނުގެ ފަރާތުން ސޮއިކުރެއްވީ އޭރު ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނެވި ސަފީރު ކަޒޫމީ އެންޑޯއެވެ.
އަދި އެރަސްމިއްޔާތުގައި އޭރު ރާއްޖެއަށް ވަޑައިގެން އުޅުއްވި ޖަޕާނުގެ ބޮޑުވަޒީރުގެ ޚާއްސަ މުޝީރު ކެންޓާރޯ ސެނައޯރާވެސް ބައިވެރިވެވަޑައިގަތެވެ.