ދިވެހި ސަރުކާރާއި ދެކޮޅަށް އިންޑިއާގައި ނިއުދިއްލީގެ ހައިކޯޓުން ނެރެފައިވާ ވަގުތީ އަމުރަށް ދިވެހި ސަރުކާރުން ޖަވާބުދާރީ ވެއްޖެއެވެ.
އެކަން ހާމަކުރައްވާ އެޓާރނީ ޖެނެރަލްގެ އޮފީހުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ވިދާޅުވީ، ނިއު ދެއްލީގެ ހައިކޯޓުން ސަރުކާރާއި ދެކޮޅަށް ނެރެފައިވާ ވަގުތީ އަމުރަށް ޖަވާބުދާރީވުމުގެ ފުރުޞަތު ދެއްވާފައިވާތީ، އެ ކޯޓަށް ދިވެހި ސަރުކާރުން ހުށަހަޅާ ވަގުތީ އަމުރުގެ ޖަވާބު 14 އޮގަސްޓް 2020ގައި ދިވެހި ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާނެކަމަށެވެ.
ދިވެހި ސަރުކާރާއި ދެކޮޅަށް ނިއުދިއްލީގެ ހައިކޯޓުގައި މައްސަލަ ހުށަހަޅާފައިވަނީ ލަކީ އެކްސްޕޯޓްސް ގެ ފަރާތުން ޕަރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ބަހައްޓާފައި ހުރި 483,451 USD (ހަތަރުލައްކަ އަށްޑިހަ ތިންހާސް ހަތަރުސަތޭކަ ފަންސާސް އެކެއް އެމެރިކާ ޑޮލަރު) ހޯދުމަށް ބޭންކް ގެރެންޓީ ދޫކުރި ކަމުގައިވާ އިންޑިއާގެ ސިންޑިކޭޓް ބޭންކްގައި ދިވެހި ސަރުކާރުން އެދުމުންނެވެ.
އެ ފައިސާ ދޫކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދި އިންޑިޔާގެ ނިއު ދިއްލީގެ ހައިކޯޓަށް ލަކީ އެކްސްޕޯޓްސްގެ ފަރާތުން މައްސަލަ ހުށަހަޅާފައިވާއިރު، އެ މައްސަލާގައި، 29 ޖަނަވަރީ 2020ގައި ނިއު ދެއްލީގެ ހައިކޯޓުން ވަނީ އެއްބަސްވުމުގެ ދަށުން ބޭންކް ގެރެންޓީގެ ގޮތުގައި ބަހައްޓާފައި ހުރި ފައިސާ ދޫނުކޮށް ހިފެހެއްޓުމަށް ވަގުތީ އަމުރެއްނެރެފައެވެ.




