ނިޝާމާ މުހައްމަދު، ޝިޔާމާ މުހައްމަދު އަދި ޑރ. ޝާހް އަބްދުﷲ މާހިރު / ފޮޓޯ:ސަން

ހެލްތު މިނިސްޓްރީގެ އިސްވެރިންތަކެއް ސަސްޕެންޑުކޮށްފި

ކޮވިޑް-19 އާއި ގުޅިގެން ހެލްތު މިނިސްޓްރީން ކޮށްފައިވާ މަސައްކަތްތަކުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކޮށްފައިވާ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ނެރެފައިވާ ރިޕޯޓާ ގުޅިގެން އެ މިނިސްޓްރީގެ އިސްވެރިންތަކެއް ސަސްޕެންޑްކޮށްފިއެވެ.

ސަސްޕެންޑްކޮށްފައިވަނީ އެމިނިސްޓްރީގެ ބިޑް ކޮމެޓީގެ ހަތް މެންބަރުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާން އިބްރާހިމް ހޫދު އާއި ހަވާލާދީ "މިހާރު" ނޫހުގައި ރިޕޯޓް ކޮއްފައިވަނީ، ހެލްތު މިނިސްޓްރީގެ އެ ހުރިހާ ބޭފުޅުން ސަސްޕެންޑު ކުރީ، އޭސީސީ އާއި ފުލުހުންނާ ހަވާލު ކޮށްފައިވާ ޖޮއިންޓު އިންވެސްޓިގޭޝަނާ މެދު ގޮތެއް ނިމެންދެން ކަމަށެވެ.

ސަސްޕެންޑު ކުރި ބޭފުޅުންގެ ތެރޭގައި ހިމެނެނީ ބިޑް ކޮމިޓީގެ ޗެއާމަން، ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދާއި އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ސްޓޭޓް މިނިސްޓަރު ޑރ. ޝާހް އަބްދުﷲ މާހިރުގެ އިތުރުން ބިޑް ކޮމިޓީގައި ހިމެނޭ ސިވިލް ސާވިސްގެ ފަސް މުވައްޒަފުންނެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް ވެންޓިލޭޓަރުތަކާއި އެހެނިހެން ސާމާނު ހޯދުމުގައި ކަންކަން ކުރިއަށް ގެންދިޔަ ގޮތް ބެއްލެވުމަށް ފަހު، އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ނެރުއްވި ރިޕޯޓުން ބޮޑެތި އޮޅުވައިލުންތަކާއި މަކަރާއި ހީލަތް ފެންމަތިވުމުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ މައްސަލަތައް ތަހުގީގު ކުރަން އޭސީސީ އާއި ފުލުހުންނާ މިއަދު ހަވާލު ކުރައްވައިފަ އެވެ. އަދި އެ ތަހުގީގު ނިމެންދެން، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވެސް ވަނީ މަގާމުގެ މަސްއޫލިއްޔަތުތަކުން އަމިއްލަ އަށް މިއަދު އެކަހެރިވެވަޑައިގެންފަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ