އިސްތިއުފާ ދިނަސް، ވަކިކުރިޔަސް، ކޮއްފައިވާ ކުށަށް އަދަބު ނުދީ ދޫކޮށްލައިގެން ނުވާނެ ކަމަށް މައްޝޫރު ދީނީ އިލްމްވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޒު މިހެން ވިދާޅުވެފައިވަނީ، ކޮވިޑް-19 އާއި ގުޅިގެން ހެލްތް މިނިސްޓްރީން ކުރި ހަރަދުގެ ކޮމްޕްލަޔަންސް އޮޑިޓެއް ހަދާ އެ އޮޑިޓާ ގުޅޭ ގޮތުން އޮޑިޓަރު ޖެެނެރަލް އާންމު ކުރެއްވި ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކަންކަމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
ޑރ. އިޔާޒު އިތުރަށް ވިދާޅުވެފައިވަނީ، ކޮވިޑް-19ގެ ކަންތައްތަކާއި ގުޅިގެން ހިޔާނަތްތެރިވީ މީހުން އެކަން ކޮއްފައިވަނީ ރައްޔިތުންގެ އަތްފައި ބަނދެފައި ކަމަށެވެ. އަދި މިހެންކަމުން މިބައިމީހުންނަކީ އާދައިގެ ހިޔާނާތްތެރިންނަށްވުރެ ބޮޑު ހިޔާނާތްތެރިން ތަކެއް ކަމަށާއި މިބައިމީހުން މަގުފޭރޭ މީހުންގެ ތެރެއަށް ވައްނާނެ ކަމަށެވެ.
މި ދެ ރިޕޯޓުގައި ޓޫރިޒަމް މިނިސްޓްރީއާއި ހެލްތް މިނިސްޓްރީގެ ފަރާތުން ކޮވިޑް-19 އާއި ގުޅިގެން ކުރި ހަރަދުތަކުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތައް ކޮށްފައިވާ ގިނަ ކަންތައްތަކެއް ފަޅާއަރުވާލައިފައި ވެއެވެ. އަދި މި ރިޕޯޓާއި ގުޅިގެން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން މިއަދުވަނީ މިމައްސަލައިގެ ތަހުގީގު ނިމެންދެން މަގާމުގެ މައްސޫލިއްޔަތު ތަކުން އަމިއްލަފުޅަށް އެކަހެރިވަޑައިގެންފައެވެ.
މީގެއިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ، މިމައްސަލަތަކާއި ގުޅިގެން ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީ އާއި އެ މިނިސްޓްރީގެ ފައިނޭންޝަލް އެގްޒެކެޓިވްސް އަދި ވެންޓިލޭޓަރުތައް ގެނައުމާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކުރެއްވި ވެރިން ވެސް މިއަދު ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.
ކޮވިޑް-19 އާއި ގުޅިގެން ހެލްތް މިނިސްޓްރީން ކުރި ހަރަދުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާއި ގުޅިގެން ހެލްތް މިނިސްޓްރީގެ އިސްބޭފުޅުންނަށް ގިނަބަޔެއްގެ ފާޑުކިޔުންތައް އަންނަނީ ކުރިމަތިވަމުންނެވެ.
ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ހިންގާފައިވާ މުއާމަލާތުތަކުގެ ތެރެއިން ފާހަގަވި އޮޅުވައިލުމާއި މަކަރާއި ހީލަތުގެ މައްސަލަތައް ތަހުގީގު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މިއަދުވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުންނަށް އަންގަވައިފި އެވެ.




