ވައްކަންތަކުގެ ޒިންމާ ރައީސް ޞާލިޙު ނަގަންޖެހޭ: އަދުރޭ

މި ސަރުކާރުން ކުރާ ވައްކަންތަކުގެ ޒިންމާ ރައީސް ޞާލިޙު ނަގަންޖެހޭ ކަމަށް ޕީއެންސީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

މީގެ ކުރިން ވެސް ރައީސް ޞާލިޙުގެ ވެރިކަމަށް 2 އަހަރު ނުވަނީސް ދައުލަތުގެ ޚަޒާނާ ދަވާލައިފި ކަމަށާއި ރާއްޖޭގެ އިގުތިޞާދު ފުޑާލައިފި ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ.

ރޭ ކުރެއްވި ޓްވީޓެއްގައި އަދުރޭ ވިދާޅުވީ، ވައްކަން ކުރާ މުއައްސަސާއެއްގެ ވަޒީރު ނުވަތަ ވެރިމީހާ އާ މުވައްޒަފުނަށް ފިޔަވަޅު އެޅުމަކުން އަދި ނުނިމޭ ކަމަށާއި މި ވައްކަންތަކަކީ ރައީސް ޞާލިޙަށް އެނގިގެން ރޭވިގެން ހިންގާ ކަންކަން ކަމަށެވެ.

"ޒިންމާވާންޖެހޭނީ ރައީސް ޞާލިޙު. ޒީރޯ ޓޮލަރެންސްގެ ދަށުން މުލަވަގު ހޯދާ ހިފާ ހައްޔަރު ކުރަން އެބަޖެހޭ!" އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ހެލްތް މިނިސްޓްރީން ކުރި ހަރަދުގެ ކޮމްޕްލަޔަންސް އޮޑިޓެއް ހަދާ އެ އޮޑިޓާ ގުޅޭ ގޮތުން އޮޑިޓަރު ޖެެނެރަލް އާންމު ކުރެއްވި ރިޕޯޓުގައި ކޮވިޑް-19 އާއި ގުޅިގެން ކުރި ހަރަދުތަކުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތައް ކޮށްފައިވާ ގިނަ ކަންތައްތަކެއް ފަޅާއަރުވާލައިފައި ވެއެވެ.

މި ރިޕޯޓާއި ގުޅިގެން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން މިއަދުވަނީ މިމައްސަލައިގެ ތަހުގީގު ނިމެންދެން މަގާމުގެ މައްސޫލިއްޔަތު ތަކުން އަމިއްލަފުޅަށް އެކަހެރިވަޑައިގެންފައެވެ.

މީގެއިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ، މިމައްސަލަތަކާއި ގުޅިގެން ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީ އާއި އެ މިނިސްޓްރީގެ ފައިނޭންޝަލް އެގްޒެކެޓިވްސް އަދި ވެންޓިލޭޓަރުތައް ގެނައުމާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކުރެއްވި ވެރިން ވެސް އިއްޔެ ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ހެލްތް މިނިސްޓްރީން ކުރި ހަރަދުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާއި ގުޅިގެން ހެލްތް މިނިސްޓްރީގެ އިސްބޭފުޅުންނަށް ގިނަބަޔެއްގެ ފާޑުކިޔުންތައް އަންނަނީ ކުރިމަތިވަމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ހިންގާފައިވާ މުއާމަލާތުތަކުގެ ތެރެއިން ފާހަގަވި އޮޅުވައިލުމާއި މަކަރާއި ހީލަތުގެ މައްސަލަތައް ތަހުގީގު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިއްޔެ ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުންނަށް އަންގަވައިފި އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ