ހއ. އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ %22 މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.
އެމްޓީސީސީ އިން ވިދާޅުވީ މި މަޝްރޫޢުގެ ތެރެއިން މިހާރު ކުރިއަށްދަނީ ބަނދަރު ފުން ކުރުމުގެ މަސައްކަތް ކަމަށާއި މި މަސައްކަތުގެ %46 ވަނީ މިހާރު ނިމިފައި ކަމަށެވެ.
އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން 21،295 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް ބިންހިއްކުމާއި، 284 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލުމާއި، 95 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި އަދި 178 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. އަދި 4,582 ސްކުއެއާ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހަދައި އަދި ބަނދަރު ބައްތިއާއި ނެރު ބައްތި ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
ހއ. އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ %22 މަސައްކަތް ނިމިއްޖެ. މި މަޝްރޫޢުގެ ތެރެއިން މިހާރު ކުރިއަށްދަނީ ބަނދަރު ފުން ކުރުމުގެ މަސައްކަތް. މި މަސައްކަތުގެ %46 ވަނީ މިހާރު ނިމިފައި. މި މަޝްރޫޢުއަކީ 51.72 މިލިއަން ރުފިއާއަށް ހަވާލުކުރެވިފައިވާ މަޝްރޫޢުއެއް. pic.twitter.com/VmacanKgn4
— MTCC Plc (@MTCCPlc) August 18, 2020
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 51.72 މިލިއަން ރުފިއާއަށް ހަވާލުކުރެވިފައިވާ މަޝްރޫޢުއެކެވެ. އަދި މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 26 އޯގަސްޓް 2019 ގައެވެ.



