ދުބާއީ ކުންފުންޏަށް ވުރެ ހެޔޮ އަގުގައި ވެންޓިލޭޓަރު ގަންނަން ހުށަހެޅިން: އޭޑީކޭ

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް ގެންނަން ނިންމި ވެންޓިލޭޓަރުތަކުގެ ތެރެއިން، 75 ވެންޓިލޭޓަރު ގެނައުމަށް ދުބާއީގެ ކުންފުނި އެގްޒެކިއުޓާރޒް ޖެނެރަލް ޓްރޭޑިންގް އާ ހަވާލު ކޮށްފައިވަނީ އެއަށްވުރެ ހެޔޮ އަގެއްގައި އެ އެއްޗެހި ގެނެސްދޭނެ ކަމަށް އަންގާފައި ކަމަށް، އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގ އިން ބުނެފިއެވެ.

ދުބާއީގެ ކުންފުންޏާ 75 ވެންޓިލޭޓަރު ގެނައުމަށް ހެލްތު މިނިސްޓްރީން ހަވާލުކޮށްފައި ވަނީ ވެންޓިލޭޓަރެއް 32،500 ޑޮލަރުގެ ރޭޓުން 34 މިލިއަން ރުފިޔާއަށެވެ. އަދި އެ އަގުގެ 90 ޕަސަންޓު ސަރުކާރުން ދެއްކިއިރު ލިބިފައި ވަނީ 11 ވެންޓިލޭޓަރެވެ.

އެކަމާ ގުޅިގެން އޭޑީކޭ ޝިޕިން އިން ނެރުނު ބަޔާނުގައި ބުނީ ސަރުކާރުން ދުބާއީ ކުންފުންޏަށް ބޮޑު އަގުގައި ވެންޓިލޭޓަރު ގަތުމަށް ދިން ނަމަވެސް އޭޑީކޭ އިން އެފަދަ ވެންޓިލޭޓަރެއް 15،000 ޑޮލަރަށް އަދި ހައި އެންޑް އައިސީޔޫ އެންބިއުލޭޓަރީ ވެންޓިލޭޓަރެއް 20،500 ޑޮލަރަށް ލިބިދާނެ ކަން އަންގާފައިވާނެ ކަމަށެވެ.

އޭޑީކޭ އިން ބުނީ ރާއްޖެއިން ކޮވިޑް-19 ގެ ބަލިމަޑުކަމާއި ކުރިމަތިލުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެކުލަވައިލި އެގްޒެކެޓިވް ސްޓިއަރިންގ ކޮމެޓީގެ މެންބަރަކު، ނުރަސްމީކޮށް 15 މާރިޗް 2020 ގައި އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގގެ އިސްވެރިއެއްގެ އަރިހުން ޑްރިޖާސް ވެންޓިލޭޓަރު ފޯރުކޮށްދެވޭނެ އަގު އޮޅުން ފިލުވާފައިވާ ކަމަށެވެ.

އެފަރާތުން އަގުގެ މަޢުލޫމާތު ސާފުކުރުމުން، ޖަރމަނީ ވެންޓިލޭޓަރަކީ ދުނިޔޭގެ ލީޑިންގ، މި ވަގުތު ވަރަށް ޑިމާންޑް ބޮޑު ބްރޭންޑަކަށްވެފައި ސަޕްލައި ކުރުމުގައި "ޕްރޮޑަކްޝަން ބޮޓްލްނެކް" ތަކެއް ހުރިކަން ޑްރިޖާސްގެ މައި ކުންފުނިން އޭޑީކޭ އަންގާފައިވާތީވެ، އަވަސް މުއްދަތެއްގެ ތެރޭގައި ސަޕްލައިކޮށް ދެވޭނެތޯ ބުނަން އެނގޭނީ ޑްރިޖާސް މައި ކުންފުނިން ސްޕެސިފިކޭޝަން ވެރިފައި ކޮށްފައި ކަމަށް މައުލޫމާތު ހިއްސާ ކޮށްފައިވާ ކަމަށް އޭޑިކޭއިން ބުނެއެވެ.

މީގެއިތުރުން އޭޑީކޭއިން ބުނީ ޔޫރަޕިއަން ސްޓޭންޑަޑްތަކަށް ފެތޭ، ކޮވިޑް-19 ގެ ހާލަތަށް އެކަށޭނަ ސީ.އީސެޓިފިކޭޝަންގެ ދެ ބްރޭންޑެއްގެ ވެންޓިލޭޓަރ 5500 ޑޮލަރާއި، 6200 ޑޮލަރާ ދެމެދުގެ އަގެއްގައި، 04 ހަފްތާތެރޭގައި ސަޕްލައިކޮށް ދެވިދާނެ ކަމަށް އަންގައި، އެގްޒެކެޓިވް ސްޓީރިއަން ކޮމިޓީގެ މެމްބަރާ އެކަން ހިއްސާކޮށްފައިވާ ކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ.

ނަމަވެސް އޭގެ ފަހުން މިކަމާއި ގުޅިގެން ރަސްމީކޮށް ނުވަތަ ނުރަސްމީކޮށް ވެސް އިތުރު އެއްވެސް ފަރާތަކުން ސާފުކޮށްފައެއް ނުވާ ކަމަށެވެ.

އޭޑީކޭ އަކީ މެޑިކަލް ސަޕްލައިކޮށްދިނުމުގައި ގިނަ އަހަރުތަކެއްގެ ތަޖުރިބާހުރި، އަދި ދުނިޔޭގެ މެޑިކަލް އިންޑަސްޓްރީގެ ލީޑިން، ގިނަ ބްރޭންޑްތަކެއްގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.

ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ދެ ހޮސްޕިޓަލާއި ސަރުކާރުގެ ހޮސްޕިޓަލްތަކަށް ވެސް ގިނަ އަދަދެއްގެ ޑްރެގާ ވެންޓިލޭޓަރާއި އެނެސްތީޝިއާ މެޝިން މީގެ ކުރިން ވެސް ސަޕްލައިކޮށްދީފައިވާ ކަމަށާއި ކޮވިޑް-19 ގެ ޓެސްޓުތައް ހެދުމަށް ބޭނުންވާ ޕީސީއާރު މެޝިނާއި ޕީޕީއީ ވެސް މެދުނުކެނޑި ފޯރުކޮށްދެމުން އަންނަކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

ވެންޓިލޭޓަރު ގެނައުމުގައި މަކާރާއި އޮޅުވާލުންތައް ހަދާފައިވާ ކަން އޮޑިޓް ރިޕޯޓަކުން ވަނީ ހާމަވެފަ އެވެ. އެ މައްސަލަ ކަމާބެހޭ މުއައްސަސާތަކާއި ރައްޔިތުންގެ މަޖިލީހުން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ