ރާއްޖެއަށް ބޭނުންވާ ބޭހާއި ސިއްޙީ ކަންކަމާއި ގުޅޭ ސާމާނާއި މެޝިނަރީ ބޭރުން ގަނެ އިންޕޯޓު ކުރުމަށް ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އުފައްދާފައި އޮއްވައި އިތުރު އެހެން އެއްވެސް ބަޔަކަށް އެކަން ހަވާލު ކުރާކަށް ނުޖެހޭ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
މެމްބަރު އަލީ މިހެން ވިދާޅުވެފައި މިވަނީ، ކޮވިޑު-19 އާއި ގުޅިގެން ހެލްތު މިނިސްޓްރީން ކުރި އެކި ހަރަދުތަކުގައި ކޮރަޕްޝަނާއި ބޮޑެތި ހިޔާނާތްތައް އެކުލެވޭ ކަމަށް އޮޑިޓު ރިޕޯޓުތަކުން ހާމަވުމާއި ގުޅިގެންނެވެ.
ރާއްޖެއަށް ބޭނުންވާ ބޭހާއި ސިއްޙީ ކަންކަމާއި ގުޅޭ ސާމާނާއި މެޝިނަރީ ބޭރުން ގަނެ އިންޕޯޓު ކުރުމަށް STO އުފައްދާފައި އޮއްވައި އިތުރު އެހެން އެހެން އެއްވެސް ބަޔަކަށް އެކަން ހަވާލު ކުރާކަށް ނުޖެހޭ.
— Ali Hussain (@AleeVoice) August 18, 2020
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ ރިޕޯރޓުގައި ވާގޮތުން އެގްޒެކިއު ޓާރސް ޖެނެރަލް ޓްރޭޑިންގ (ޑުބާއީ) މެދުވެރިކޮށް ހޯދި 75 ވެންޓިލޭޓަރު ހޯދުމަށްކުރި މުޢާމަލާތު ގައްޔާއި، މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް ހޯދި 50 ވެންޓިލޭޓަރު ހޯދުމަށްކުރި މުޢާމަލާތުގެ އިތުރުން ނާޑު ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް 20 ވެންޓިލޭޓަރު ހޯދުމަށް ކުރި މުޢާމަލާތާތުގައިވެސް ގޯސްތަކެއް ހުރިކަންވަނީ ފާހަގަކޮށްފައެވެ.
ހެލްތު މިނިސްޓްރީގެ ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވުމާއި ގުޅިގެން ގިނަބަޔު އަންނަނީ މިނިސްޓަރު އަމީން އަށް ފާޑު ކިޔަމުންނެވެ،
“އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މިރިޕޯޓުން ޔަޤީންވާ ކަމަކީ ބޮޑު މުސީބާތެއް ކުރިމަތިވެފައޮތް ވަގުތުވެސް ވެންޓިލޭޓަރު ގެނައުމުގެ ނަމުގައި ހެލްތް މިނިސްޓްރީން ބޮޑު ވައްކަންތަކެއްކޮށް، މިހުރިހާ ދުވަހު އެކަމާ ގުޅިގެން ރައްޔިތުންނަށް އޮޅުވާލާ ދޮގުހަދަމުންދިޔަކަން.” ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ވިދާޅުޔ\ވިއެވެ.
މީގެ އިތުރުންވެސް އިތުރު މެމްބަރުން ދަނީ ވަރަށް ބޮޑަށް މިނިސްޓަރު އަމީން އަށް ފާޑުވިދާޅުވަމުންނެވެ.
“އެތައް ބަޔަކު ވެންޓިލޭޓަރަށްލާން ޖެހިދާނެކަމުގެ ބިރު އޮތް ދަނޑިވަޅެއް ބަލައި، ވެންޓިލޭޓަރުން ވައްކަންކުރުމަށްވުރެ އިންސާނިއްޔަތުކަމެއް ނެތް ކަމެއް ނުވިސްނޭ. ނޫސްވެރިން މިވާހަކަ ތަކުރާރުކޮށް ސުވާލުކުރީތީ އާއި ހަރަދުތައް އޮޑިޓް ކުރަން މަޖިލީހުން ފާސްކުރީތީ އުފާކުރަން.” ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވިއެވެ.




