"މިތެއިހެއި ވައްކަމެކެ ކެރަނެވޭލޭ ތަތި ވޮންނައު ކޮންތާކު؟" އޭ ވިދާޅުވެ ރައީސް ޔާމީނުގެ ރަނިންމޭޓެއްގެ ގޮތުގައި ނިކުންނެވި ޑރ. މުޙައްމަދު ޝަހީމް އަލީ ޝައީދު، ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބު އަބްދުﷲ އަށް ރައްދު ދެއްވައިފިއެވެ.
ޝަޙީމް ހުވަދޫ މީހުން ވާހަކަ ދައްކަވާ ބަހުރުވައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ "އަހަންނަގެ ދާއިރާ މެމްބަރު ޔައުޤޫބު! ހުތާ ބޭބޭ ރަނާ، މިތެއިހެއި ވައްކަމެކެ ކެރަނެވޭލޭ ތަތި ވޮންނައު ކޮންތާކު؟ ބަހަރާކަސް ނުވެއި އަޖައިބެ ހައިރާނޭގެ ތަ ތިވޮންނާ ލިކުން ހައްގަން. އެކަމަކު ބޮނަންނޭ ތޭމިހާ މީބޫ ވަގެ ހިފަނެ އޮޑިޓަރަކުންމާޔޯ؟ އަޖައިބެ އަންތަރީސްވެގެ ތާއި ދޭތެރޭ!"
ޝަހީމްގެ އެ ޓްވީޓުގައި ވިދާޅުވެފައިވަނީ "އަހަރެންގެ ދާއިރާ މެންބަރު ޔައުޤޫބު އެވެ. ދަރިފުޅާ ރަންކޮޅާ، މިހުރިހާ ވައްކަމެއް ކުރާއިރު، ކަލޭ ތިއުޅެނީ ކޮންތާކު" ހެއްޔެވެ. ބަހެއްވެސް ނުބުނެ ހުންނާތީ ހައިރާންވެ އަންތަރީސް ވާކަމަށް ޝަހީމް ވިދާޅުވިއެވެ.
"އެކަމަކު ބުނާނެ ތިމަންނާއަކީ ވަގުން ހިފާ އޮޑިޓަރެކޭ. ކަލެޔާ ދޭތެރޭ ހައިރާންވެ އަންތަރީސްވެއްޖެ" ޝަހީމް ވިދާޅުވެފައި ވެއެވެ.
ައަހަންނަގެ ދާއިރާ މެމްބަރު@Yaugoob181 ! ހުތާ ބޭބޭ ރަނާ، މިތެއިހެއި ވައްކަމެކެ ކެރަނެވޭލޭ ތަތި ވޮންނައު ކޮންތާކު؟ ބަހަރާކަސް ނުވެއި އަޖައިބެ ހައިރާނޭގެ ތަ ތިވޮންނާ ލިކުން ހައްގަން.އެކަމަކު ބޮނަންނޭ ތޭމިހާ މީބޫ ވަގެ ހިފަނެ އޮޑިޓަރަކުންމާޔޯ؟ އަޖައިބެ އަންތަރީސްވެގެ ތާއި ދޭތެރޭ!
— Mohamed Shaheem Ali Saeed (@Mohamedshaheem1) August 18, 2020
މިއަދު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުންވެސް ޔައުޤޫބު ވަނީ އޭނާއަކީ ވަގުން ހިފާނެ އޮޑިޓަރެއް ކަމަށް ވިދާޅުވެފައެވެ. އަދި އެގޮތުގައި ސާބިތުވެ ހުންނާނެ ކަމަށާއި މަންމަ ވައްކަން ކުރިޔަސް އެއްވެސް ތަފާތެއް ނުކޮށް ވައްކަމާއި ދެކޮޅަށް މަސައްކަތް ކުރައްވާނެ ކަމަށް ޔައުޤޫބު ވިދާޅުވިއެވެ.
ޔައުޤޫބު ފާހަގަވެގެން ގޮއްސައިވަނީ މަޖިލީހަށް ކުރިމަތިލި ކެނޑިޑޭޓުންގެ ތެރޭގައި ޕީއެސްއެމް އިން ބޭއްވި ބަހުސްގައި ވައްކަމާއި ކޮރަޕްޝަން ހުއްޓުވަން ގަދަޔަށް މަސައްކަތް ކުރައްވާނެ ކަމަށް ބަހުސްގައި ތަކުރާރުކޮށް ވިދާޅުވި ކެނޑިޑޭޓެއްގެ ގޮތުގައެވެ.




