ކޮވިޑް-19 އާއި ގުޅިގެން ހެލްތް މިނިސްޓްރީން75 ވެންޓިލޭޓަރު ގަތުމަށް ހަވާލުކޮށްފައިވަނީ މާލިއްޔަތު ޤަވާއިދާއި އެއްގޮތަށް ކަމުގައި ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަދި އެމިސްޓްރީގެ ބިޑް ކޮމެޓީގެ ވެއަރމަން ނިޝާމާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ކޮވިޑްއާއި ގުޅިގެން ހެލްތް މިނިސްޓްރީން ގަތް ވެންޓިލޭޓަރުތަކުގެ މައްސަލައާއި ގުޅޭ ގޮތުން ނިޝާމާ މިއަދު ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައި ވަނީ ހެލްތް މިނިސްޓްރީން ވެންޓިލޭޓަރުގަތުމުގައި އެއްވެސް ފަރާތަކަށް ނާޖާއިޒު މަންފާތަކެއް ހޯދައިދިނުމަށް މަޤާމުގެ ހައިސިއްޔަތުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާނެކަމަށެވެ.
ނިޝާމާ ވިދާޅުވެފައިވަނީ ވެންޓިލޭޓަރު ހޯދުމަށް ދުނިޔޭގެ ބޮޑެތި ގައުމުތަކުގައިވެސް ޑިމާންޑް ބޮޑުވުމާއި ގުޅިގެން، 75 ވެންޓިލޭޓަރ ގަތުމަށް އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއާއި ހަވާލު ކުރުމަށް ބިޑް ކޮމެޓީން ނިންމާފައިވަނީ ދަޢުލަތުގެ މާލިއްޔަތު ޤަވާއިދުގެ 10.25 ގެ (ރ) ގެ 2 އަދި 4 ނަންބަރުގައިވާ ގޮތުގެ މަތީން ސިންގަލް ސޯސް ޕްރޮކިއުމަންޓް އުޞޫލުން ކަމަށެވެ. އަދި މާލިއްޔަތު ޤަވާއިދާއި އެއްގޮތަށް ބަޖެޓްގައި ފައިސާހުރިތޯ ބެލުމަށް ފަހު މަސައްކަތް ހަވާލު ކުރާ ގޮތަށް ކަމުގައިވެސް ނިޝާމާ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މި ފަރާތަކީ ޑަބްލިއުއެޗްއޯގެ ރެޕްރެޒެންޓިވް މެދުވެރިކޮށް ހޯދާފައިވާ ފަރާތެއް ކަމަށް ހެލްތް މިނިސްޓްރީން ބިޑް ކޮމެޓީއަށް ހުށައަޅާފައިވާކަމަށާއި، އަދި ބިޑް ކޮމެޓީންގެ ފަރާތުން ޑަބްލިއުއެޗްއޯގެ ކަންޓްރީ އޮފީހުން އިތުރަށް މަޢުލޫމާތު ސާފުކޮށްފައިވާނެ ކަމުގައިވެސް ނިޝާމާ ނެރުއްވާފައިވާ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
ނިޝާމާ ވިދާޅުވެފައިވަނީ އޭސީސީ އިން މި މައްސަލަ ތަޙްޤީޤު ކުރަމުންދަނިކޮށް ކަންހިނގާފައިވާ ގޮތުގެ އަސްލު އޮޅޭ ގޮތަށް ބަކިބަޔަކު ބަދުނާމުކޮށް ވާހަކަ ދައްކަމުންދަނީ ތަޙުޤީޤަށް ނުރަނގަޅު ނުފޫޒުތަކެއް ފޯރުވުމަށް ކަމަށެވެ.
މި މައްސަލާގައި ބިޑް ކޮމެޓީގެ ބައިވެރިވުން އޮތް މިންވަރު އެކަނި ބެލުމުގެ ބަދަލުގައި ހުރިހާ މަރުހަލާއެއްގައިވެސް މިކަމުގައި ބައިވެރިވި އެންމެން ޝާމިލްވާ ގޮތަށް ފުރިހަމަ ތަޙްޤީޤެއްކޮށް ކަން ހިނގާފައިވާ ގޮތުގެ ތަފްޞީލް ރައްޔިތުންނަށް ހާމަކޮށްދިނުމަކީ މުހިންމު ކަމެއްކަމުގައި ނިޝާމާ ވަނީ ވިދާޅުވެފައެވެ.



