ގުޅީފަޅުގައި ސަރުކާރުން ހެދުމަށް ނިންމާފައިވާ ޕޯޓް ހެދުމަކީ މާލެ ރައްޔިތުންނަށް ދެވޭ އަނިޔާއެއްކަމުގައި ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވެފައިވާއިރު ސަރުކާރުން ވަނީ މާލޭ ވިޔަފާރިވެރިންގެ ބަނދަރު ގުޅިފަޅަށް ބަދަލުކުރުމަށް ނިންމާފައެވެ. އަދި އެމަސައްކަތް ފެށި ގުޅިފަޅުގެ ބިން ހިއްކުންވެސް މިހާރު ވަނީ ފަށާފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބަނދަރު ތިލަފުށީގައި ހެދުމަށް ނިންމާފައިވީނަމަވެސް މި ސަރުކާރުން ތިލަފުށީގެ ބަދަލުގައި ގުޅިފަޅުގައި މި ބަނދަރު ހެދުމަށް ވަނީ ނިންމާފައެވެ. ސަރުކާރުގެ މި ނިންމުމާއި ގުޅިގެން މީގެ ކުރިންވެސް ޑރ. މުއިއްޒު ވަނީ މިކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ޙައްޤައްޓަކައި އެކަނިވެސް ގުޅިފަޅު ގައި ޕޯޓް ހެދުން ހުއްޓާލަން ޖެހޭކަމަށެވެ. "ގުޅިފަޅުގައި ޕޯޓް ހެދުމަކީ މާލެ ރައްޔިތުންނަށް ދެވޭ އަނިޔާއެއް" ޑރ. މުއިއްޒު ވިދާޅުވެފައިވެއެވެ. މީގެ އިތުރުން ޕޯޓްއަށް އޮތް ދާއިމީ ހައްލަކީ އަބަދުވެސް ތިލަފުށިކަމުގައި މުއިއްޒު ވަނީ ވިދާޅުވެފައެވެ.
Male rayyithunge boahiyaavahikamuge haqqattakaa ekanives Gulhifalhu ga Port hedhun huttaalanjehey. Gulhufalhugai port hedhumakee Male rayyithunnah dhevey aniyaa eh. Port ah oi dhaaimee hallakee abadhuves Thilafushi. @DhiyaresNews @VaguthuOnline @avasmv @dhenonline @Mihaarunews
— Dr Mohamed Muizzu (@MMuizzu) August 21, 2020
ސަރުކާރުން ގުޅިފަޅުގައި ޕޯޓް ހެދުމަށްޓަކައި ގުޅިފަޅު ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 53 މިލިއަން ޑޮލަރަށް ބޮސްކާލިސް ވެސްޓްމިންސްޓާ ކޮންޓްރެކްޓިން ލިމިޓެޑްއައިއެވެ.
ގުޅިފަޅު ހިއްކުމުގެ މަސައްކަތް ފެށުމާއެކު ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަމަށް ވިދާޅުވެ، އެމައްސަލަ ވަނީ ހޫނުވެފައެވެ. އެގޮތުން ވިލިމާލެ ފަރަށް ގެއްލުން ވާކަމަށް ވިދާޅުވެ އެ މައްސަލާގައި ކަމާ ގުޅުން ހުރި ފަރާތްތައް ވަނީ މަޖިލީހުގެ ކޮމެޓީއަށްވެސް ހާޒިރު ކޮށްފައެވެ.
މި މައްސަލާގައި މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވެފައިވަނީ މާލެ ސަރަހައްދު އިތުރަށް ހިއްކަން ޖެހޭނީ އެހެން ގޮތެއް ނެތް މީހުންނަށް ބޯހިޔާވަހިކަން ހޯދައިދީ މާލޭ ސަރަހައްދުގެ ތޮއްޖެއްސުން ހުއްޓުވުމަށްކަމަށެވެ.




