މޫސުން ގޯސްވެ ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

ރާއްޖޭގެ ބޮޑު ބަޔަކަށް މިރޭ މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓްރޮލޮޖިކަލް ސެންޓަރު (މެޓް އޮފީހުން) އިލްތިމާސް ކުރައްވައިފިއެވެ.

މާދަމާ ހެނދުނު 06:00 އާ ހަމައަށް ރާއްޖޭގެ މޫސުން ލަފާކުރާގޮތް ހާމަކުރައްވަމުން މެޓް އޮފީހުން ވިދާޅުވީ، ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށާއި، މެދުރާއްޖެތެރޭގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވި ނަމަވެސް އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ.

"ބޯކޮށް ވާޜޭވެހި، ވައިގަދަވެ، ކަނޑުތައް (ޚާއްޞަކޮށް ދެކުނާއި މެދުތެރޭގައި) ގަދަވާނެކަމަށް ލަފާކުރެވޭތީ، ކަނޑު ދަތުރުފަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުވެލެއްވުމަށް އެދި ދަންނަވަން." މެޓް އޮފީހުން ވިދާޅިއެވެ.

މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއެކު، ވިއްސާރަ ކުރާނެ ކަމަށާއި، ދެކުނު ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

ހުޅަނގުދެކުނާއި ހުޅަނގުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި އަދި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 05 މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި، މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.

"ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވޭ." މެޓް އޮފީހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ