ފ.އަތޮޅުން ފެށިގެން ގއ.އަތޮޅު އުތުރުބުރިއާ ހަމައަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ދާދި ދެންމެ ނެރުނު “ވައިޓް އެލާޓް” ގައި ބުނެފައިވަނީ، މިރޭ 22:00 އިން ފެށިގެން މެންދަމު 02:00 އާ ދެމެދުގެ ވަގުތުތަކުގައި ފ.އަތޮޅާއި ގއ.އަތޮޅު އުތުރުބުރިއާ ދެމެދުގެ ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށެވެ.
މީގެ އިތުރުން އެލާޓް ނެރެފައިވާ ސަރަހައްދުތަކަށް، ވިލާގަނޑުގައި ގަޑިއަކު 40 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.
ބައެއް ސަރަހައްދުތަކަށް މެޓް އޮފީހުން ވައިޓް އެލާޓް ނެރުނުއިރު، ރާއްޖޭގެ ބޮޑު ބަޔަކަށް މިރޭ މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން ސަމާލުވުމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން މިރޭ ވަނީ އިލްތިމާސް ކުރައްވައިފިއެވެ.
“ބޯކޮށް ވާޜޭވެހި، ވައިގަދަވެ، ކަނޑުތައް (ޚާއްޞަކޮށް ދެކުނާއި މެދުތެރޭގައި) ގަދަވާނެކަމަށް ލަފާކުރެވޭތީ، ކަނޑު ދަތުރުފަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުވެލެއްވުމަށް އެދި ދަންނަވަން.” މެޓް އޮފީހުން ވިދާޅިއެވެ.
މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއެކު، ވިއްސާރަ ކުރާނެ ކަމަށާއި، ދެކުނު ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
ހުޅަނގުދެކުނާއި ހުޅަނގުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި އަދި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 05 މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި، މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ



