އައިޖީއެމްއެޗްގެ އިމާރާތުގައި ދެމުންއައި އެތެރެހަށީގެ ބަލިތަކާއި ކުޑަކުދިންގެ ހާއްސަ ބަލިތަކުގެ އޯޕީޑީ ޚިދުމަތް އަލަށް އިމާރާތްކުރި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރުން ނިންމައިފިއެވެ.
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން ވިދާޅުވީ، މާދަމާއިން ފެށިގެން އެ ހިދުމަތްތައް ލިބޭނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ދެ ވަނަ ފަންގިފިލާއިން ކަމަށެވެ.
އެ ދެ ހިދުމަތް ދަރުމަވަންތަ ހޮސްޕިޓަލުގެ އިމާރާތަށް ބަދަލު ކުރަން ނިންމާފައިވާއިރު، އެ އިމާރާތުގައި މިހާރު އިތުރަށް ދެމުން ދަނީ އައިޖީއެމްއެޗްގެ ފިޒިއޯތެރަޕީ ޑިޕާޓްމެންޓާއި ސްޕީޗް ތެރަޕީ ޑިޕާޓްމެންޓުގެ ހިދުމަތެވެ. ފިޒިއޯ ތެރަޕީ ޑިޕާޓްމެންޓު ހުންނަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ހަތަރު ވަނަ ބުރީގައެވެ. އަދި ސްޕީޗް ތެރަޕީ ޑިޕާޓްމެންޓު ހުންނަނީ ފަސް ވަނަ ބުރީގައެވެ.
500 އެނދުގެ ދަރުމަވަންތަ ހޮސްޕިޓަލް ބިނާކުރަން ދައުލަތުގެ ބަޖެޓުން 140 މިލިޔަން ޑޮލަރު (2.1 ބިލިޔަން ރުފިޔާ) ހަރަދުކޮށްފައިވާއިރު، އެ ހޮސްޕިޓަލަށް ބޭނުންވާ ހިދުމަތްތައް ފުޅާކޮށް އެ ހޮސްޕިޓަލަށް ބޭންވާ މެޝިނަރީސް ހޯދުމަށް މިއަހަރުގެ ބަޖެޓުގައި 818 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ބިނާކުރި ދަރުމަވަންތަ ހޮސްޕިޓަލް މި ސަރުކާރުން ސިފަކުރަނީ ކޮރަޕްޝަނުގެ ރަމްޒެއްގެ ގޮތުގައެވެ.



