ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

މިނިސްޓްރީއޮފް ޑިފެންސް ގެ އިމާރާތް ހެދުމަށް ހަވާލުކޮށްފައިވަނީ އުސޫލާއި އެއްގޮތަށް - ފައިނޭންސް

ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް މިނިސްޓްރީއޮފް ޑިފެންސް ގެ އިމާރާތް ހެދުމަށް ހަވާލުކޮށްފައިވަނީ ނޭޝަނަލް ޓެންޑަރ ބޯޑު މެދުވެރިކޮށް އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރުމުގައި އަމަލު ކުރާނެ އުސޫލާއި އެއްގޮތަށްކަމަށް ފައިނޭންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އުސޫލަށް ބަދަލުތަކެއް ގެނެސް އަގުބޮޑުކޮށް ބަޔަކަށް މި ޕްރޮޖެކްޓް ހަވާލުކޮށްފައިވާ ކަމަށްބުނެ ގިނަ ފާޑުކިޔުންތަކެއް ފައިނޭންސަށް އަމާޒުވެފައިވާއިރު މިކަމާއި ގުޅިގެން ފައިނޭންސުން ނެރުނު ނޫސް ބަޔާނުގައި ވިދާޅުވެފައިވަނީ ސަރުކާރުގެ މި ސިޔާސަތަކީ ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުން 1 އޭޕްރީލް 2020ގައި ގެޒެޓް ކުރެވި ނޭޝަނަލް ޓެންޑަރ ބޯޑުން އަމަލު ކުރުމަށް ލާޒިމުކޮށްފައިވާ އުސޫލެއް ކަމަށެވެ.

މި އުސޫލުގެ ބޭނުމަކީ ނޭޝަނަލް ޓެންޑަރއިން އެވޯޑް ކުރާ މަޝްރޫޢުތައް އަވަސްމިނެއްގައި ކުރިއަށް ގެންދިޔުމާއި ގިނަ ކުންފުނިތަކަށް މަސައްކަތް ހަވާލު ކުރެވޭނެ ގޮތަށް ނިޒާމު ބައްޓަން ކުރުން ކަމަށާއި މިކަމާ ގުޅޭ ގޮތުން މޯލްޑިވްސް ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ޖަމްއިއްޔާ މަސީ އަދި މިނޫންވެސް މިކަމާ ގުޅޭ އެހެނިހެން ފަރާތްތަކާވެސްވަނީ މަޝްވަރާ ކުރެވި ޚިޔާލު ހޯދިފައި ކަމަށްވެސް ފައިނޭންސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މިނިސްޓްރީ އޮފް ޑިފެންސްގެ އިމާރާތް ހެދުމަށް ހުޅުވާލެވުނު ޓެންޑަރ ގެ މަސައްކަތް ކުންފުންޏަކާ ހަވާލުކުރިއިރު ބެލިފައިވަނީ މިއުސޫލަށް ކަމަށް ފައިނޭންސްއިންވަނީ ވިދާޅުވެފައެވެ.

އެގޮތުން މި ޓެންޑަރގައި އެންމެ ކުޑަ އަގެއް ހުށަހަޅާފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ކަމަށާއި އެހެން ނަމަވެސް އެ ބިޑް އެވޯޑްކޮށްފައިވަނީ ދެވަނައަށް އެންމެ ކުޑައަގު ހުށަހެޅި ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށްކަމަށެވެ. އަދި އެގޮތަށް އެކަންވެފައިވަނީ ކުރިން ދެންނެވި އުސޫލާ ގުޅިގެން ކަމަށް ފައިނޭންސްއިން ވިދާޅުވިއެވެ. އެއީ ކުންފުނިތަކަށް އެއްފަހަރާ ޓެންޑަރތަކުގައި މަސައްކަތް ކުރެވޭނެ ވަކި އަދަދުތަކާއި ޖުމްލަ ފައިސާގެ އަދަދު އެ އިއުލާނުން ކަނޑައަޅާފައިވާތީ އެވެ.

ފައިނޭންސް މިނިސްޓްރީން ވިދާޅުވީ މި އުސޫލުގެ ދަށުން އެސްޖޭ ކޮންސްޓްރަކްޝަންއަށް އެއްފަހަރާ މަސައްކަތް ކުރެވޭނީ 300 މިލިއަން ރުފިޔާ އާއި ހަމައަށް ކަމަށާއި އަދި އެއްފަހަރާ މަސައްކަތް ކުރެވޭނެ ޓެންޑަރތަކުގެ އަދަދަކީ ގިނަ ވެގެން 8 ކަމަށެވެ.

މިވަގުތު އެ ކުންފުނިން 310 މިލިއަން ރުފިޔާގެ މަޝްރޫޢުގައި ވަނީ ސޮއިކޮށްފައިވާއިރު އެއީ ޖުމްލަ 11 ޕްރޮޖެކްޓް ކަމަށާއި އެހެންކަމުން މި އުސޫލުގެ ދަށުން ދެވަނައަށް އެންމެ ކުޑަ އަގެއް ހުށަހެޅި ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް މި ބިޑް ކާމިޔާބުވީ ކަމަށް ފައިނޭންސްއިން ވިދާޅުވިއެވެ.

ފައިނޭންސް މިނިސްޓްރީން އިތުރަށް ވިދާޅުވީ މި އުސޫލު ތަންފީޒު ކުރެވުނު ފަހުން އަމަލު ކުރެވެމުން އަންނަނީ މި އުސޫލުގެ ދަށުން ކަމަށާއި އަދި ކުރިމަގުގައިވެސް އެކަން ކުރިއަށްދާނީ އެގޮތުގެ މަތިންކަމަށެވެ.

" މިނިސްޓްރީން ޓެންޑަރތަކާއި ގުޅޭ މި މައުލޫމާތުތައް ވެބްސައިޓްގައި ހާމަކުރުމުގެ އެންމެ ބޮޑު ބޭނުމަކީވެސް ދެފުށް ފެންނަ ހާމަކަން ބޮޑު ގޮތަކަށް މިފަދަ ކަންތައްތައް ހިނގާ ގޮތުގެ މައުލޫމާތު މީޑިއާ މެދުވެރިކޮށް ރައްޔިތުންނަށް އަންގައިދިނުން" ފައިނޭންސް މިނިސްޓްރީން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ