ސަރުކާރަށް އެއްބާރުލުންދޭން ޕްރޮގްރެސިވް ކޯލިޝަނުގެ ތާއީދު އަފީފްއަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމަށް ގެނައުމަށް ވިލުފުށީ ދާއިރާގެ އިންތިޚާބީ މެންބަރު ހަސަން އަފީފަށް ތާޢީދު ކުރުމަށް، ޕްރޮގްރެސިވް ކޯލިޝަނުގައި ހިމެނޭ ޕީޕީއެމް އާއި ޕީއެންސީ އިން ނިންމައިފިއެވެ.

މިރޭ މެންދަމު ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލުވުމުގައި، ޕީއެންސީގެ ނައިބު ރައީސް އަޙުމަދު ނިހާނު ވިދާޅުވީ، ސަރުކާރަށް އެއްބާރުލުން ދިނުމުގެ ގޮތުން، ކުރިއަށް އޮތް ދަޢުރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމަށް ގެނައުމަށް، ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙުއާއި، ރައީސް ނަޝީދުވެސް ތާޢީދު ކުރައްވާފައިވާ، ވިލުފުށީ ދާއިރާގެ އިންތިޚާބީ މެންބަރު ހަސަން އަފީފަށް ތާޢީދު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ދެ ޕާޓީންވެސް ތާޢީދު ކުރުމަށް މި ނިންމަނީ، ޙަސަން ޢަފީފަށް. އަޅުގަނޑުމެންވެސް ބޭނުންވޭ މި ސަރުކާރަށް އެއްބާރުލުން ދޭން. ރައްޔިތުންނާއި ގުޅޭ ވަރަށް ގިނަ ވަޢުދުތަކެއް ވަމުން މި ސަރުކާރު ވެރިކަމަށް އައީ." ނިހާން ވިދާޅުވިއެވެ.

އަފީފާއި އަސްލަމްގެ އިތުރުން ވެސް ބައެއް ބޭފުޅުން ވަނީ މަޖިލިސް ރައީސް ކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އެ މެންބަރުންނަކީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފެވެ.

މިރޭ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް ވިދާޅުވެފައިވަނީ، މަޖިލީހުގެ ރައީސް ކަމަށް އެންމެ ޤާބިލު ބޭފުޅަކީ އަފީފް ކަމަށެވެ.

މަޖިލިސް ރައީސް އިންތިޚާބު ކުރުން އޮންނާނީ މިމަހުގެ 28 ވަނަ ދުވަހު މަޖިލިސް މެންބަރުން ހުވާ ކުރަން ބާއްވާ ޖަލްސާގައެވެ. މަޖިލިސް ރައީސް އަކު އިންތިޚާބު ކުރާނީ މެންބަރުންގެ ސިއްރު ވޯޓަކުންނެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް