ރ. ދުވާފަރުން ކުޑަ ކުއްޖަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތު އިމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ވިދާޅުވި ގޮތުގައި ދުވާފަރުން ޕޮޒިޓިވްވެފައިވަނީ އުމުރުން 3 އަހަރުގެ ދިވެހި ފިރިހެން ކުއްޖެކެވެ.
ދުވާފަރު ކައުންސިލްގެ ރައީސް އިބްރާހީމް ނަޞީރު މިނޫހަށް ވިދާޅުވީ، އެރަށު ޕޮޒިޓިވްވެފައިވަނީ ހޯމް ކަރަންޓީނުގައި ހުރި ކުޑަ ކުއްޖެއްކަމަށެވެ. އަދި އެކުއްޖާ ރަށަށް އައީ މިމަހުގެ 7 ގައި ކަމަށާއި، އެކުއްޖާއާއެކު އެކުއްޖާގެ މާމަ އާއި ކާފަވެސް ހޯމް ކަރަންޓީނަށް އައިސްފައިވާކަމަށެވެ.
އަދި މާމަ ނަތީޖާ އަދި ނުލިބޭ ކަމަށާއި، ނަމަވެސް ކާފަގެ ނަތީޖާ ނެގެޓިވްކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ކުއްޖާގެ ފަރާތުން ބަލީގެ އަލާމާތެއް ނުފެންނަކަމަށާއި، ކުއްޖާގެ ޙާލު ރަނގަޅުކަމަށްވެސް ނަޞީރު ވިދާޅުވިއެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް މީހުންގެ އަދަދު 6،660 އަށް އަރާފައިވާއިރު، ރާއްޖެއިން ބަލި ފެންނަމުންދާލެއް ދުވަހެއް ދުވަހަކުން ދަނީ އިތުރުވަމުންނެވެ. އަދި އަތޮޅުތެރެއިންވެސް ކޮވިޑް ފެންނަލެއް ގިނަވެފައިވާއިރު، އޭގެތެރޭގައި ގިނައީ ހޯމް ކަރަންޓީނަށް މާލެއިން ރަށްރަށަށް އަންނަ މީހުންނެވެ.
އަދި ބަލި ފެތުރުން ކޮންޓްރޯލުކުރުމުގެ ގޮތުން އެޗްޕީއޭއިން އަޅާ ފިޔަވަޅުތަކުގެ ވަރުގަދަ ކުރަމުން އަންނައިރު، 2020 އޮގަސްޓް 23 ވާ އާދިއްތަ ދުވަހުގެ ރޭގަނޑު 20:00 އިން ފެށިގެން ފަތިހު 5:00 އާއި ހަމައަށް މާލެއާއި، ވިލިމާލެއާއި އަދި ހުޅުމާލޭގެ، މަގުމަތީގައި އެއްގަމު އުޅަނދު ފަހަރު ދުއްވުމަކީ މަނާ ވަގުތުކަމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ ވަނީ ހަމަޖައްސާފައެވެ.




