ރ. ކިނޮޅަހަށް މަސައްކަތު ގޮސް އުޅުނު ބިދޭސީއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އެރަށުން ޕޮޒިޓިވްވެފައިވަނީ ފިލިޕީންސްއަށް ނިސްބަތްވާ އުމުރުން 53 އަހަރުގެ ފިރިހެނެކެވެ.
މިނޫހަށް މަޢުލޫމާތު ދެއްވަމުން އެރަށު ހެލްތު ސެންޓަރު އޮފިސަރަކު ވިދާޅުވީ، އެރަށުން ޕޮޒިޓިވްވެފައިވަނީ އެމްޑަބްލިއުއެސްސީގެ ފަރާތުން އެރަށުގައި ހިންގަމުންދާ ޕްރޮޖެކްޓެއްގެ މަސައްކަތުގައި އެރަށަށް ގޮސް އުޅުނު މީހެއްކަމަށެވެ. އަދި އެމީހާ އެރަށަށް ގޮސްފައިވަނީ މިދިޔަމަހުގެ 28 ވަނަ ދުވަހުކަމަށްވެސް އޮފިސަރު ވިދާޅުވިއެވެ.
އަދި އޭނާއަކީ ހޯމް ކަރަންޓީނުގައި ހުރި މީހެއްނަމަވެސް، މަސައްކަތްކުރުމަށް ސައިޓަށް ދާކަމަށް މިނޫހަށްވަނީ މަޢުލޫމާތު ލިބިފައެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް މީހުންގެ އަދަދު 6،660 އަށް އަރާފައިވާއިރު، ރާއްޖެއިން ބަލި ފެންނަމުންދާލެއް ދުވަހެއް ދުވަހަކުން ދަނީ އިތުރުވަމުންނެވެ. އަދި އަތޮޅުތެރެއިންވެސް ކޮވިޑް ފެންނަލެއް ގިނަވެފައިވާއިރު، އޭގެތެރޭގައި ގިނައީ ހޯމް ކަރަންޓީނަށް މާލެއިން ރަށްރަށަށް އަންނަ މީހުންނެވެ.
އަދި ބަލި ފެތުރުން ކޮންޓްރޯލުކުރުމުގެ ގޮތުން އެޗްޕީއޭއިން އަޅާ ފިޔަވަޅުތަކުގެ ވަރުގަދަ ކުރަމުން އަންނައިރު، 2020 އޮގަސްޓް 23 ވާ އާދިއްތަ ދުވަހުގެ ރޭގަނޑު 20:00 އިން ފެށިގެން ފަތިހު 5:00 އާއި ހަމައަށް މާލެއާއި، ވިލިމާލެއާއި އަދި ހުޅުމާލޭގެ، މަގުމަތީގައި އެއްގަމު އުޅަނދު ފަހަރު ދުއްވުމަކީ މަނާ ވަގުތުކަމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ ވަނީ ހަމަޖައްސާފައެވެ.



