އިންޑިއާގެ ތެލަންގަނާ ސްޓޭޓުގައި ހުންނަ ހައިޑުރޯ އިލެކްޓުރިކް ޕަވަރ ޕުލާންޓުގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ނުވަ މީހުން މަރުވެއްޖެއެވެ.
ތެލަންގަނާ ސްޓޭޓުގެ ޕަވަރ ޖެނަރޭޝަން ކޯޕަރޭޝަނުން ބުނެފައިވަނީ، މަރުވި މީހުންގެ ހަށިތައް ފެނިފައިވަނީ އަލިފާނުގެ ހާދިސާ ހިނގި ޕަވަރ ޕުލާންޓުގެ ބިމުއަޑީގައި މަސައްކަތްކުރަމުންދިޔަ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޕަވަރ ޕުލާންޓުގައި އަލިފާން ރޯވެފައިވަނީ ބުރާސްފަތި ދުވަހުގެ ރެއެވެ. އަދި ހުކުރު ދުވަހާއި ހަމައަށް އެ އަލިފާން ނުނިވި ހުއްޓެވެ. އަދި އަލިފާން ރޯވުމުގެ ސަބަބުން ގިނަ އަދަދެއްގެ މުވައްޒަފުން ޕަވަރ ޕުލާންޓުގެ ތެރޭގައި ތާށިވިއެވެ.
ތެލަންގަނާ ސްޓޭޓުގެ ޕަވަރ ޖެނަރޭޝަން ކޯޕަރޭޝަނުން ބުނެފައިވަނީ ޕަވަރ ޕުލާންޓުގައި އަލިފާނުގެ ހާދިސާ ހިނގިއިރު އެ ޕުލާންޓުގައި 17 މުވައްޒަފުން މަސައްކަތް ކުރަމުން ގޮސްފައި ވާކަމަށެވެ.
އަލިފާނުގެ ހާދިސާގައި މަރުވި ނުވަ މީހުންނަކީވެސް އަލިފާނުގެ ހާދިސާ ހިނގި ޕަވަރ ޕުލާންޓުގައި މަސައްކަތްކުރާ މުވައްޒަފުންނެވެ.




