އައްޑޫގެ މަގެއްގައި ފެންބޮޑުވެފައި - ފޮޓޯ: ވިސާމް

ދެކުނުގެ މޫސުން އަދިވެސް ގޯސް، ހުވަދު އަތޮޅުން އައްޑޫއަަށް ވައިޓް އެލާޓް

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ މޫސުން ރަނގަޅު ނޫންކަމަށް ބުނެ، ހުވަދު އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ސަރަހައްދަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ނެރުނު ވައިޓް އެލާޓްގައި ވިދާޅުވެފައިވަނީ، މިއަދު ހެނދުނު 08:00 އިން ފެށިގެން މެންދުރު 12:00 އާ ދެމެދުގެ ވަގުތުތަކުގައި ހުވަދު އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.

މީގެ އިތުރުން އެލާޓް ނެރެފައިވާ ސަރަހައްދުތަކަށް، ވިލާގަނޑުގައި ގަޑިއަކު 35 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.

މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކިހިސާބަަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

ހުޅަނގާއި ހުޅަނގުއުތުރުން، އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 05 މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.

މެޓް އޮފީހުން އިތުރަށް ވިދާޅުވީ، ރާއްޖޭގެ ކަނޑުުތައް އުތުރުގައި އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި، އެހެންހިސާބުތަކުގައި އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް