ދުނިޔޭގެ އެންމެ ގިނަބަޔަކު ބެލި އެއް ޝޯ "ގޭމް އޮފް ތްރޯންސް"ގެ އައިކޮނިކް ރޯލު،ސަންސާ ސްޓާކްގެ ރޯލު ކުޅެދިން ހޮލީވިޑްގެ އެކްޓްރެސް ސޯފީ ޓާނާ އަކީ މިހާރު ގިނަ ބައެއްގެ މެދުގައި މަޝްހޫރު ފަންނާނެކެވެ. މި ސީރީޒް ނިއްމާލިއިރު، ސޯފީ ފެނިގެންދިޔަ ރޯލު "ސަންސާ ސްޓާކް" އަކީ "ކުއީން އޮފް ދި ނޯތް" އެވެ.
މަޝްހޫރު ޖޯނަސް ބްރަދާސް ބޭންޑްގެ ލަވަކިޔުންތެރިޔާ ޖޯ ޖޯނަސް އާއި ސޯފީ ކައިވެނޮކޮށް، ދާދިފަހަކުން އަލަތު ދަރިފުޅުވެސް ލިބިފައިވާއިރު، ސޯފީ ވަނީ "ގޭމް އޮފް ތްރޯންސް" ގެ ދުވަސްތައް ހަނދާން އާކުރުމާއެކު އަމިއްލަ ނަފްސަށް އަދި އަލަތު އަންހެން ދަރިފިޅަށް ދޭ ހަދިޔާއެއްގެ ގޮތުން، މި ސީރީޒްގައި އޭނަ ކުޅެދިން ކެރެކްޓަރ ސަންސާ ސްޓާކްގެ ތަހުތު އަމިއްލަ ގެއަށް ގެނެސްފައެވެ.
ސޯފީ މި ތަހުތުގެ ފޯޓޯއެއް މީސްމީޑިއާގައި ހިއްސާކުރަމިން، ފޮޓޯގެ ކެޕްޝަންގައި ލިޔެފައިވަނީ، "ވެލްކަމް ހޯމް" ކަމަށެވެ.
މީގެ އިތުރުން، ސޯފީގެ ފިރިމީހާ ޖޯ ޖޯނަސް ވެސް ވަނީ، ހަމަ އެ ފޮޓޯ އިންސްޓަގްރަމްގެ ސްޓޯރީގައި ހިއްސާކޮށްފައެވެ.
ސޯފީ އާއި ޖޯގެ އަލަތު ދަރިފުޅުގެ ފޮޓޯ ބަލާލުމަށް ފޭނުން ކެތްމަދުވެފައި ހުރިއިރު، ފޭނުން ތިބީ ދަރިފުޅުގެ ފޮޓޯއެއް ދައްކާލާނެ އިންތިޒާރުގައެވެ.
ސޯފީގެ ހޮލީވުޑް ކެރިއާ ކާމިޔާބުކަމާއެކު ކުރިއަށްދާއިރި، މިދިޔަ އަހަރު ރިލީޒްކުރި "ޑާކް ފީނިކްސް" ގައި ސޯފީ ވަނީ ބޮޑު ރޯލަކުން ފެނިގެންގޮސްގައެވެ.