ޞިއްޙީ ދާއިރާއިން އެހީތެރިވުމަށް ކިއުބާއާއެކު ފަހުމުނާމާއެއްގައި ސޮއިކޮއްފި

ޞިއްޙީ ދާއިރާއިން އެހީތެރިވުމަށް މިނިސްޓްރީ އޮފް ހެލްތުއާއި ކިއުބާގެ މިނިސްޓްރީ އޮފް ޕަބްލިކް ހެލްތުއާއި ދެމެދު ފަހުމުނާމާ އެއްގައި ސޮއިކޮއްފިއެވެ.

މި ފަހުމާނާމާގައި ސޮއި ކޮއްފައިވަނީ ސްވިޒްލޭންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ "ވާރލްޑް ހެލްތު އެސެމްބްލީ" ގެ 72 ވަނަ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީން ކިއުބާގެ މިނިސްޓަރ އޮފް ޕަބްލިކް ހެލްތު ޑރ. ހޯޒޭ އެންޖަލް ޕޯޓަލް މިރަންޑާއާއި ކުރެއްވެވި ބައްދަލުވުމުގެ ތެރެއިންނެވެ.

"މި ފަހުމުނާމާގެ ދަށުން ދެފަރާތް ގުޅިގެން ޑޮކްޓަރުން ރެކްރޫޓް ކުރުމާއި، އިންސާނީ ވަސީލަތް ތަރައްގީ ކުރުމާއި، ބޭހާއި ކާބޯތަކެތި ޓެސްޓް ކުރުމާއި، މައިކްރޯ ބަޔޮލޮޖިކަލް ޓެސްޓްތަކާއި، ކެމިކަލް އަދި އެންވަޔަރަންމަންޓަލް ލެބޯރަޓޮރީ ޓެސްޓްތަކުގެ ހިދުމަތްތަކަށް އެހީތެރިކަން ފޯރުކުރުމަށް އެއްބަސްވެފައިވޭ" ހެލްތު މިނިސްޓްރީން ވިދާޅުވިއެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި ކިއުބާ ސަރުކާރުން ދިވެހިރާއްޖެއަށް ދެމުންދާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވާ ސިއްޚީ ދާއިރާ ހަރުދަނާކުރުމަށް ޓްރެއިނިންގެ އިތުރު ފުރުސަތު ހޯއްދަވާދެއްވުމަށް މިނިސްޓަރ އަމީން ވަނީ އެދިވަޑައިގަންނަވާފައެވެ. އަދި މީގެ އިތުރުން ޑޮކްޓަރުންނާއި ނަރުހުންގެ ސްޕެޝަލައިޒޭޝްން ތަމްރީން ޕްރޮގްރާމްތަކުގެ ފުރުސަތު ހޯދުމަށް މިބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.

މި މިބައްދަލުވުމުގައި މިނިސްޓަރ އަމީންގެ އިތުރުން ޖެނީވާގައި ހުންނަ ދިވެހިރާއްޖޭގެ މިޝަންގެ ޕަރމަނަންޓް ރެޕްރެޒެންޓެޓިވް ޑރ. ހާލާ ހަމީދާއި މިނިސްޓްރީ އޮފް ހެލްތުގެ އިސްބޭފުޅުންނާއި، ޖެނީވާ މިޝަންގެ އިސް މުވައްޒަފުން ވަނީ ބައިވެރިވެލައްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް