ދިރާގު ހެޑްއޮފީސް - ފެށުން ފޮޓޯ: ވިސާމް

ހެޑް އޮފީސް ކައިރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މާސްކް ނާޅާ ހުރުމުގެ ސަބަބުން: ދިރާގު

ދިރާގު ހެޑް އޮފީސް ކައިރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހަކީ، މާސްކް ނާޅާ ހުރުމުގެ ސަބަބުން ގެންދިޔަ މީހެއްކަމަށް ދިރާގުން ބުނެފިއެވެ.

ދިރާގުން ޑާޓާ ވައްކަންކޮށްގެން އެކަމުގެ ޝަކުވާ ދިރާޤަށް ކުރަން ދިޔަ މީހަކު ހައްޔަރުކުރިކަމަށް ބުނެ މިވަގުތު މީސްމީޑިއާގައި ދެކެވެމުންދާ ވާހަކައާއި ގުޅިގެން ދިރާގުން ދެންމެ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދިރާގުގެ ފަރާތުން ފުލުހުންނަށް މިފަދަ މައްސަލައެއް ރިޕޯޓު ނުކުރާކަމަށް ކަށަވަރުކޮށްދޭ ކަމަށެވެ.

ނަމަވެސް ދިރާގަށް ލިބިފައިވާ މައުލޫމާތައް ބަލާއިރު، ހައްޔަރު ކުރި މީހަކީ އެ ސަރަހައްދު ޕޮލިހުން ޕެޓްރޯލުކުރަން އުޅުމުގެ ތެރޭގައި މާސްކް ނާޅާ އުޅުމުގެ ސަބަބުން އެކަން ފުލުހުންގެ ސަމާލުކަމަށް އައުމުގެ ސަބަބުން ހައްޔަރުކުރި މީހެއް ކަމަށެވެ.

ކަސްޓަމަރުން ހުށައަޅާ ޝަކުވާއާއި ފީޑްބެކް އަބަދުވެސް ދިރާޤުން ބަލައިގަންނާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާ ކަމަށް ދިރާގުން ބުންޏެވެ.

ނަމަވެސް، ގެއިން ބޭރަށް ނުކުންނައިރު އަދި ދިރާގުގެ ކަސްޓަމާ ސާރވިސް ސެންޓަރ ތަކަށް ޒިޔާރަތްކުރާއި، އެޗްޕީއޭގެ އެންގުންތަކާއި އުސޫލުތަކަށް ބޯލަނބާއި ގާދުރުކަން އިހުތިޔާރުކުރުމަށް ދިރާގުން ކަސްޓަމަރުންގެ ކިބައިން އެދިފައިވެއެވެ.

މިކަމާއި ގުޅިގެން ފުލުހުން ވިދާޅުވީ، މިއަދު މެންދުރު 12:20 ހާއިރު ދިރާގު ހެޑް އޮފީސް ކައިރިން މާސްކް ނާޅާ ގަދަކަމުން ވަންނަން މަސައްކަތްކޮށް އެތަނުގައި އަޑުގަދަކޮށް ހަމަނުޖެހުން ހިނގުމަށް މަސައްކަތް ކުރި އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ..

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ