ނިޒާމު ކަނޑައެޅި ވޯޓު ވަނީ އޮޅުވާލާފަ: ރައީސް ނަޝީދު

2007 ވަނަ އަހަރު ބޭއްވި ނިޒާމް ކަނޑައެޅި ވޯޓު، ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމް ވަނީ އޮޅުވާލާފައި ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެ ކުރީގެ ރައީސް މައުމޫނަށް ފާޑުވިދާޅުވެފައި މިވަނީ، މައުމޫން ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

މައުމޫން މިރޭ ކުރެއްވި ޓްވީޓްގައި ވިދާޅުވީ ދިވެހި ރާއްޖޭގެ ސިޔާސީ އިޖްތިމާޢީ އިޤްތިޞާދީ ޙާލަތަށް ބަލާއިރު ރާއްޖެއަށް އެންމެ ކަމުދާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަން ކަށަވަރު ކަމަށެވެ.

ރައީސް މައުމޫނުގެ ވެރިކަމުގައި ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމަށް ބޭއްވި އާންމު އިންތިހާބައް ރިއާޔަތްކޮށް ރައީސް މައުމޫން އިތުރަށް ވިދާޅުވެފައިވަނީ، 2007 ވަނަ އަހަރު ރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑު އަޣްލަބިއްތަކުން ނިންމަވާފައި ވަނީ ވެސް ރިޔާސީ ނިޒާމަކުން ވެރިކަން ހިނގުމަށް ކަމަށެވެ.

މިކަމަށް ރައްދު ދެއްވަމުން ރައީސް ނަޝީދު ކުރެއްވި ވިދާޅުވީ ރައީސް މައުމޫންގެ ހަޔާތްޕުޅުގައި ކޮންމެ ވޯޓެއް ވަނީ މައުމޫން އޮޅުވާލައްވާ މަކަރު ހައްދަވާފައި ކަމަށެވެ. 2007 ވަނަ އަހަރުގެ ނިޒާމްގެ ވޯޓު ވެސް ކަނޑައެޅިގެން އޮޅޫވާލެއްވި ކަމަށާއި މައުމޫން އޮޅުވާނުލައްވާ ވޯޓަކީ 2008 ވަނަ އަހަރުގެ ވޯޓުކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެ ވޯޓުން ވީ ބަލި ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.

ރާއްޖެއަށް އެންމެ ކަމުދާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށް ބުނެ މައުމޫން ކުރައްވާފައިވާ ޓްވީޓަށް ރައީސް ނަޝީދުގެ ފޭކް ޓްވިޓާ އެކައުންޓްގެ ގޮތުގައި މަޝްހޫރު ވެފައިވާ އަލެކްސް އަހްމަދު ޓްވިޓާ އެކައުންޓުންވެސް މައުމޫނަށް ވަނީ ރައްދު ދެއްވައިފައެވެ.

އެ އެކައުންޓުން މައުމޫނަށް ރައްދު ދެއްވާ ބުނެފައިވަނީ މައުމޫން 2007 ވަނަ އަހަރުގެ ނިޒާމްގެ ވޯޓު ކަނޑައެޅިގެން އޮޅުވާލެއްވި ކަމަށާއި މައުމޫންގެ މުޅި ހަޔާތުގައިވެސް ވަގު ނުހެދުނީ 2008 ގެ ވޯޓުގައި ކަމަށެވެ. އަދި އެ ވޯޓުން ވީ ބަލި ކަމަށާއި މައުމޫން ވޯޓުގެ ވާހަކަ ނުދެއްކެވުމަށް ނަޝީދު ވިދާޅުވިއެވެ.

ވެރިކަމުގެ ނިޒާމާއި ގުޅޭ ބަހުސްގެ އަޑު ގަދަވެ ރާއްޖޭގެ ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ ހުށަހަޅުއްވައިފައެވެ.

އަބްދުﷲ ޖާބިރު މަޖިލީހަށް ހުށަހެޅެއްވި ބިލުގައި ބުނެފައިވަނީ ރާއްޖޭގައި ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމެއް ކަމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ނިންމާފައިވީ ނަމަވެސް، ގާނޫނު އަސާސީގައި ވަކި ނިޒާމެއްގެ ވާހަކަ ސީދާ ބަޔާންކޮށްފައިނުވާ ކަމަށެވެ

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ