ގާފަރަށް ރިކޯޑު ޢަދަދަކަށް ވާރޭ ވެހިއްޖެ

ވޭތުވެދިޔަ 3 ގަޑިއިރުތެރޭގައި ރިކޯޑު ޢަދަދަކަށް ކ.އަތޮޅު ގާފަރަށް ވާރޭ ވެހިފައިވާކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކުރައްވައިފިއެވެ. 

މޫސުމާއި ބޭހޭ ޤައުމީ އިދާރާއިން ވިދާޅުވީ, ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރައިގައި މިއަދު ހެނދުނު 8:00 އިން ފެށިގެން ގާތްގަނޑަކަށް 3 ގަޑިއިރު ތެރޭގައި ގާފަރަށް 76 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށެވެ.

މިހާރުވެސް ގާފަރަށް ވާރޭވެހެމުންދާއިރު އެރަށު ކައުންސިލުން ވިދާޅުވީ, ރަށުތެރޭގައި ފެންބޮޑުވެފައިވީނަމަވެސް މިހާތަނަށް ވިއްސާރައިގެ ސަބަބުން ގެއްލުމެއް ލިބިގެން އެއްވެސް ފަރާތަކުން ރިޕޯޓުކޮށްފައިނުވާކަމަށެވެ. 

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ, ކުރިއަށް އޮތް 2 ގަޑިއިރުތެރޭގައި ރ.އަތޮޅުން ފެށިގެން މ.އަތޮޅާއި ދޭތެރޭގެ ރަށްތަކަށާއި ހުވަދު އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. މެދުރާއްޖެތެރެއަށް 18 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭއިރު ވިލާގަނޑުގައި ގަދަވާއިރު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް މެޓް އޮފީހުން ވިދާޅުވެފައެވެ.

މޫސުން ގޯސްވުމާއި ގުޅިގެން މިއަދު 11:15 އިން ފެށިގެން ހަވީރު 4 ޖެހުމާއި ހަމައަށް ރ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ވައިޓް އެލަރޓް ނެރެފައިވާއިރު، މެދު ރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ މިސަރަޙައްދުގައި ކަނޑު ދަތުރުފަތުރު ކުރާފަރާތްތަކުން މޫސުމަށްވެސް ސަމާލުވުމަށް އެއިދާރާއިން އިލްތިމާސްކުރެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ