ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ބޭނުން ކުރައްވަމުން ގެންދެވި ކޮމްޕިއުޓަރު މޮނިޓަރުތަކުގެ ބަދަލުގައި ކޮންމެ މެމްބަރަކަށް އައިޕެޑެއް ދީ، މަޖިލިހުގެ ޖަލްސާކުރާ މާލަމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.
މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ, ޗެމްބަރުގައި ހުންނަ ކޮންގްރެސް ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެ މަސައްކަތުގެ ތެރެއިން މައިކް ސިސްޓަމާއި އިތުރު ކެމެރާތައް ހަރުކޮށް އިންސްޓޯލް ކުރަމުން އަންނަ ކަމަށެވެ.
މަޖިލިހުގެ ޖަލްސާކުރާ މާލަމުގައި ބޭނުން ކުރުމަށް އިލެކްޓްރޯނިކް ކޮންގްރެސް ސިސްޓަމަކާއި ވީޑިއޯ ބްރޯޑްކާސްޓިން ސިސްޓަމެއް ގާއިމްކުރާނެ ބައެއް ހޯދަން އިއުލާން ކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ފިނޭންސް މިނިސްޓްރީންނެވެ. އަދި ބިޑަށް ލައިގެން އެ މަޝްރުއޫ ސަރުކާރުން ހަވާލު ކުރީ ދިވެހި ކުންފުންޏެއް ކަމަށްވާ ޑިވިޝަން އޮފް އޯޑިއޯ ވިޝުއަލްސްއާއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާއިރު، އެނގިފައިވާ ގޮތުގައި މަޖިލިސްކުރާ މާލަމުގައި ކޮންމެ މެމްބަރަކަށް ނުވަ އިންޗީގެ އައިޕެޑެއް ވަނީ ބަހައްޓައިފައެވެ. މީގެ ކުރިން މެމްބަރުން ބޭނުން ކުރެއްވީ ޓަޗް ސްކްރީން މޮނިޓަރެކެވެ.

މީގެ އިތުރުން މަޖިލިސް ކުރާ މާލަމުގައި 4 ކެމެރާ ހުރި ނަމަވެސް، ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ގޮތުން އިތުރު 7 ކެމެރާއެއް ވަނީ ހަރުކޮށްފައެވެ. ހަމައެއާއެކު އިތުރު ޓީވީތައް ވެސް އެ މާލަމުގައި ވަނީ ބަހައްޓައިފައެވެ.
އަންނަ އަންގާރަ ދުވަހުގެ ރޭ، 19 ވަނަ ރައްޔިތުންގެ މަޖިލިހަށް އިންތިޚާބުވެވަޑައިގެންނެވި މެމްބަރުން ހުވާ ކުރެއްވުމުގެ ޖަލްސާ މަޖިލިސްކުރާ ގޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެރޭގެ ޖަލްސާގައި މަޖިލިހުގެ ރައީސް އާއި ނައިބު ރައީސަކު ކަނޑައެޅުމަށް ވަނީ ހަމަޖެހިފަ އެވެ.
މަޖިލީހުގެ މަރާމާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 19 މިލިއަން ރުފިޔާއަށެވެ.