ރ. ރަސްމާދޫގައި ހޯމް ކަރަންޓީނުގައި ހުރި 11 އަހަރުގެ ކުއްޖަކު ފައްސިވިކަމަށް ދައްކާފައިވަނީ އެންޓްރީ ކުރުމުގެ ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ވިދާޅުވެއްޖެއެވެ.
ރަސްމާދޫ ސިއްޙީ މަރުކަޒާއި ހަވާލާދީ، މީދޫ ޓައިމްސްގައި ބުނެފައިވަނީ، އެރަށުން ޕޮޒިޓިވްވި ކުއްޖާގެ ނަތީޖާ ނެގެޓިވްވެފައިވާކަމަށެވެ. އަދި އެކުއްޖާގެ ނަތީޖާ ޕޮޒިޓިވްކަމަށް ދެއްކީ އެންޓްރީ އިޝޫއެއްގެ ސަބަބުން ކަމަށްވެސް ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ތަސްލީމާއާއި ޙަވާލާދީ އެނޫހުގައި ބުނެފައިވެއެވެ.
ރަސްމާދޫގައި ކަރަންޓީނުގައި ހުރި ފަރާތެއް ޕޮޒިޓިވްވިކަމަށް އެރަށު ސިއްޙީ މަރުކަޒުން މެންދުރު އިޢުލާން ކުރުމަށްފަހު ހަވީރު ވަނީ އެ ޕޯސްޓް ޑިލީޓްކޮށްލާފައެވެ.
އަދި މީގެ ކުރިންވެސް މިފަދަ މައްސަލަތައް ފެންމަތިވެފައިވާކަން ފާހަގަކޮށްލެވެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންމެފަހުގެ މައުލޫމާތުތަކަށް ބަލާއިރު، ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް 6912 މީހުން ޕޮޒިޓިވް ވެފައިވާއިރު 4297 މީހުން ވަނީ އޭގެތެރެއިން މިހާރު ރަނގަޅު ވެފައެވެ. އެގޮތުން މިވަގުތު ކޮވިޑަށް ފަރުވާ ލިބެމުންދާ 2588 މީހުން ތިބިއިރު އޭގެތެރެއިިން 171 މީހުންނަށް ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.
އަދި 28 މީހަކުވަނީ މިބަލީގައި ރާއްޖެއިން ނިޔާވެފައެވެ.




