ވާރޭ ވެހި މާޅޭގައި ފެންބޮޑުވެފައި - ފޮޓޯ: މާލޭ ސިޓީ ކައުންސިލް

ވާރޭވެހި މާލޭގައި ފެންބޮޑުވެއްޖެ

މިހާރު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރާގައި މާލެއަށް ބޯކޮށް ވާރޭވެހި ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެއްޖެއެވެ.

ބޯކޮށް ވާރޭ ވެހޭ ކޮންމެ ފަހަރަކުވެސް މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމަކީ އާއްމު ކަމެކެވެ. މިއަދު މާލެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެންވެސް ފެންބޮޑުވި ސަރަހައްދުތަކުން ފެން ހިންދުމަށްޓަކައި ޕަމްޕް ޖަހައިގެން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ފެންބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފް އާއި ފަޔަރ އެންޑް ރެސްކިއު ސަރވިސް އާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަަމަށެވެ.

"ފެން ހިންދުމަށް ޕަމްޕް ބޭނުންކުރަމުންދަނީ އައިޖީއެމް ހޮސްޕިޓަލް ކައިރިއާއި، ވެސްޓް ޕާކް ކައިރި އަދި ބޮޑުތަކުރުފާނުމަގު ދުވާ ޓްރެކް ކައިރީގައި." އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް ވިދާޅުވީ، މާލޭގައި ހުރި 12 ސްޓޯރމް ވޯޓަރ ޕަމްޕްގެ އިތުރުން އެމްއެންޑީއެފްގެ ޕަމްޕްތައް ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ޓީމްތައް ތިބީ ސްޓޭންޑްބައިގައި، ޚާލަތު ގޯސްވިޔަ ނުދިނުމަށް ރެސްޕޮންސް ޓީމްތައް މިވަގުތުވެސް މަސައްކަތް ކުރަމުން އެބަގެންދޭ." ޝަމާއު ވިދާޅުވިއެވެ.

ކުރިއަށް އޮތް 24 ގަޑިއިރާއި، ކުރިއަށް އޮތް 5 ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް ހަތަރު ގަޑިއިރަށް މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ވައިޓް އެލާޓްވެސް ނެރެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ