ހދ ކުނބުރުދޫގައި ކުނި ނާންދާނެ ކަމަށާއި އެރަށް ބޭނުން ކުރާނީ ޓްރާންސްފާ ސްޓޭޝަނެއްގެ ގޮތުގައި ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.
ހދ. ކުނބުރުދޫގައި އުޅުނު މީހުން ހދ. ނޮޅިވަރަމްފަރަށް ބަދަލުކުރުމާ ގުޅިގެން ފަޅުވެފައިވާ ކުނބުރުދޫގައި ކުނި ޖަމާކުރުމަށް އުތުރުގައި ގާއިމުކުރާ ޓްރާންސްފަރ ސްޓޭޝަން ހދ. ކުނބުރުދޫގައި ގާއިމު ކުރަން ނިންމާފައިވާ ކަަމަށް 19 އޯގަސްޓް ވަނަ ދުވަހު އޮތް ރައްޔިތުން މަޖިލީހުގެ ޖަލްސާގައި އެންވަޔަރަމެންޓް މިނިސްޓަރު ޑރ ހުސެއިން ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން ގިނަ ބަޔަކު ކަންބޯޑުވުން ފާޅުކޮށްފައިވަނީ ތިލަފުށި ގޮތައް ކުނި އަންދައި އަބަދު ދުން އަރާ ރަށާކަށް ބަދުލުވެ ރަށުގެ ތިމާވެއްޓަަށް ދެއްލުން ލިބިދާނެތީ އެވެ. ނަމަވެސް ކުޅުދުއްފުށީ ކައުންސިލާއެކު އެންވަރަޔަމެންޓް މިނިސްޓްރީން ވާހަކަ ދައްކަވަމުން އެންވަރަޔަމެންޓް މިނިސްޓަރު ޑރ ހުސެއިން ރަޝީދު ހަސަން ވިދާޅުވީ، ކުނބުރުދޫ ބޭނުންކުރާނީ ހަމައެކަނި ޓްރާންސްފަރ ސެންޓަރެއްގެ ގޮތުގައި ކަމަށާއި އެރަށުގައި ކުންޏެއް ނާންދާނެ ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ކުންބުރުދޫ އަށް ޖަމާ ކުރާ ކުނި ތަކުގެ ތެރއިން އަންދާ ކުނިތައް ގެންދާނީ ރ ވަންދޫއަށް ކަމަށެވެ.
އެންވަޔަރަމެންޓް މިނިސްޓަރު 19 އޯގަސްޓް ވަނަ ދުވަހު އޮތް ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ދައްކަވަމުން ވިދާޅުވީ ކުނި ޖަމާކުރާ ޓްރާންސްފަރ ސްޓޭޝަން ކުނބުރުދޫ ގާއިމު ކުރުމުން އެ ސަރަޙައްދުގެ ރަށްރަށުން ކުނި، ކުނބުރުދޫ ޓްރާންސްފަރ ސްޓޭޝަނަށް އަވަހަށް ޖަމާކުރެވި، ޕްރޮސެސްކުރުމުގެ މަސައްކަތް ވެސް ހިނގާނެ ކަމަށްށެވެ.



