ކުރީގެ ރައީސް މަޢުމޫން ޢަބްދުއްޤައްޔޫމް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ޢަބްދުﷲ ޖާބިރު ދެއްކެވި ވާހަކަ ފުޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުއްވެރިކޮށްފިއެވެ.
އެކޯލިޝަނުން ވިދާޅުވެފައިވަނީ ރައީސް މަޢުމޫން ކޯވިޑް 19 އަށް ޕޮޒިޓިވް ވި ކަމުގެ ޚަބަރު ލިބުމާއެކު، އެކޯލިޝަނަށް ނިސްބަތްވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވިސްގެ ނާއިބު ރައީސް، ތ. ގުރައިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރަށް ޑިއާރުޕީގެ ލީޑަރ ޢަބްދުﷲ ޖާބިރު ފޮނުއްވި އޯޑިއޯ މެސެޖްގައި ދައްކާފައިވާ ހަޑިހުތުރު ލާއިންސާނީ ވާހަކަތައް އެކޯލިޝަންގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން
ކުށްވެރިކުރާކަމަށެވެ.
އެ ކޯލިޝަނުން ވަނީ ޕީޕީއެމް ގެ ނާއިބު ރައީސް، ރައީސް މަޢުމޫންގެ ދަރިކަލުން ތ. ގުރައިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރާއި އެމަނިކުފާނުގެ ޢާއިލާއަށް ހިތްވަރާއި ކެތްތެރިކަން ދެއްވާ ފުރިހަމަ ސިއްޙަތެއް މިންވަރުކުރެއްވުމަށް އެދިލައްވާފައެވެ. އަދި ރައީސް އަލްއުސްތާޛު މައުމޫން އަށް
އަވަސް ޝިފާއެއް މިންވަރު ކުރައްވާ ފުރިހަމަ ސިއްޙަތެއް ދެއްވުކަމުގައިވެސް އެ ކޯލިޝަނުން ވަނީ ވިދާޅުވެފައެވެ.
ރައީސް މަޢުމޫން ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން ހާމަކުރެއްވިތާ މާގިނަ އިރުތަކެއް ނުވަނީސް ޖާބިރު ވަނީ ރައީސް މަޢުމޫންގެ ދަރިކަލުންނަށް ފޯނުން ގުޅުއްވައި ވާހަކަ ފުޅު ދައްކަވާފައެވެ. އެގޮތުން ޖާބިރު ވަނީ ރައީސް މަޢުމޫން އޭނާގެ އަތުން 29 މިލިއަން ރުފިޔާ ނަގާފައިވާކަމަށާއި، ތަރިކަ މުދަލުން ޖާބިރުގެ ޙައްޤު ދޭންވާނެކަމަށެވެ. އަދި އެކަން ރައީސް މަޢުމޫނަށް ހަނދުމަފުޅު ކޮށްދެއްވުމަށްވެސް ޖާބިރު ވަނީ ޣައްސާން އަރިހު އެދިލައްވާފައެވެ.
ޖާބިރުގެ މިވާހަކަ ފުޅާއި ގުޅިގެން ގިނަ ބަޔަކު ދަނީ މިކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
ޖާބިރުގެ މި ވާހަކަ ފުޅާއި ގުޅިގެން ޣައްސާން ވިދާޅުވެފައި ވަނީ ޖާބިރު މަޖިލިސް ތެރޭގައި ކިޔުއްވާ އެއްޗެހި ސަމާސާ ކަމަށް ހީފުޅުކުރެއްވި ކަމަށާއި، ނަމަވެސް އާއިލާއަށް ދިމާވި ހާސްކަމުގެ ވަގުތު ޖާބިރުގެ ހިތުގެ ހަޤީޤީ ކުލަވަރު ދައްކާލާފައިވާ ކަމަށެވެ.
ރައީސް މަޢުމޫން ކޮވިޑްއަށް ޕޮޒިޓިވް ވުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ އެމަނިކުފާނަށް ހެޔޮދުޢާ ކުރައްވާ އަވަސް ޝިފާއަކަށް އެދެމުންނެވެ.